-8402fff9.png)
އައިޝަތު ހިދާޔާ

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމުގައިވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ހަތަރު ބޭފުޅަކަށް މިއަދު އަރުއްވައިފިއެވެ.
މި ބޭފުޅުންނަށް މި މަގާމު އަރުއްވާފައި ވަނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުންނެވެ.
މި މަގާމު އަރުއްވާފައި ވަނީ, ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. މުހައްމަދު ލަތީފަށާއި ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވައިފައިވާ އިބްރާހީމް ރަޝީދު މޫސާއަށާއި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހުސައިން އަފީފް އަދި ވިޔަފާރިވެރިޔާ މުޙައްމަދު މޫސާއަށެވެ.
މި މަގާމު އަރުއްވާފައިވާ ޑރ. މުހައްމަދު ލަތީފު ވަނީ, ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. ހާއްސަކޮށް، އެ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށްޓަކައި އަދި ރާއްޖޭގެ ތައުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތައުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ. އެމަނިކުފާނު ވަނީ މީގެކުރިން މިނިސްޓާ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
އިބްރާހީމް ރަޝީދު މޫސާއަކީ، ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވައިފައިވާ، މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި އިލްމުވެރި ބޭފުޅެކެވެ. އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ އިލްމު އުނގަންނައިދެއްވުމާއި، ދީނީ އެކި ފޮތްފޮތް އެކުލަވައިލެއްވުމުގެ ރޮނގުން އެމަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކެވެ.
މީގެކުރިން ޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވާފައިވާ ޗަމްޕާ ހުސައިން އަފީފަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރެއިން އެއް ބާނީއެވެ. ފަތުރުވެރިކަމުގެ އިތުރުން، ހޮސްޕިޓާލިޓީގެ ދާއިރާއިންނާއި، އޭވިއޭޝަންގެ ދާއިރާއިންނާއި، ބޭންކިންގެ ދާއިރާއިންނާއި، ސިއްހީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް އޮންޓާޕްރިނިއޯ އެއްގެ ހައިސިއްޔަތުން ހުސައިން އަފީފް ވަނީ އެތައް ޚިދުމަތެއް ކޮށްދެއްވާފައެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން މިއަދު އެރުއްވި ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ އަކީ ވެސް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މީގެކުރިން އަރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު މިހާރުވެސް ގެންދަވަނީ، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި "ޗަމްޕާ ހޯލްސޭލް" ވިޔަފާރި ގާއިމުކުރައްވައި ޚިދުމަތް ދެއްވަމުންނެވެ. އަދި މާލެއަތޮޅު ތުނބަށްފުށީގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި، އުފައްދާ ގަސްކާނާ މާލޭގެ ބާޒާރަށް ވިއްކަވަމުން ގެންދަވައެވެ. އަދި އެރަށުގައި އިންޑަސްޓްރިއަލް މަސައްކަތްތަކާއި، ބޯޓުޔާޑެއް ވެސް ހިންގަވަމުން ގެންދަވައެވެ.
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން