-8402fff9.png)
ސައިފުﷲ އަލީ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ އެހީތެރިކަމާއެކު މާލެ ސިޓީ ކައުންސިލުން މާފަންނު މައިޒާން ކުރިމަތީގައި ތަރައްގީކުރި ޒަމާނީ ފެންވަރުގެ ބަސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފިއެވެ.
ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ގާއިމުކުރި މި ބަސް ސްޓޭޝަން ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އެމްއައިބީގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ޒުހައިލް ޒައީމެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މާލެ ސިޓީގައި މި ފަދަ ޒަމާނީ ފެންވަރަކަށް ތަރައްގީކުރި ފުރަތަމަ ބަސް ސްޓޭޝަނެވެ. އޭސީކޮށްފައިވާ މި ބަސް ސްޓޭޝަންގެ އެތެރޭގައި އާންމުންނަށް ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ލިބޭނެ ގޮތަށް އެމްއައިބީގެ ދެ އޭޓީއެމް ވަނީ ބަހައްޓާފައެވެ. ހަމައެހެންމެ އޭސީ ތެރޭގައި ތިބެން ދަތިވާ ފަރާތްތަކަށް ޚާއްސަކޮށް، ސްޓޭޝަންގެ ބޭރުގައި ވެސް އިށީންނާނެ ގޮނޑިތައް ވަނީ އިންތިޒާމުކޮށްފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން މޭޔަރު އާޒިމް ވިދާޅުވީ، އެމްއައިބީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު ސަރަހައްދެއްގައި މި ފަދަ ބަސް ސްޓޭޝަންތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދެން މި ބަސް ސްޓޭޝަންތައް ގާއިމުކުރާނީ އަމީނީ މަގު ސިނަމާލެ 3 ސަރަހައްދާއި، ބޮޑުތަކުރުފާނު މަގު މާލެ ސިޓީ ހޯލް ބޭރު އަދި ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދުގައެވެ. މީގެ ތެރެއިން ރާޅުގަނޑު ސަރަހައްދުގެ ބަސް ސްޓޭޝަން އޮގަސްޓް މަހު ނިންމައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އަނެއް ދެ ސްޓޭޝަން މި އަހަރު ނިމުމުގެ ކުރިން ނިންމައި ހުޅުވުމަށް ވަނީ އަމާޒު ހިފާފައެވެ.
މި މަޝްރޫއުގެ ހުރިހައި ޚަރަދެއް ކުރަނީ އެމްއައިބީންނެވެ. އެއްބަސްވުމުގެ ދަށުން 10 އަހަރު ދުވަހުގެ މުއްދަތަށް އޭޓީއެމްތައް ހުރި ސަރަހައްދަށް އެ ބޭންކުން ކައުންސިލަށް ކުއްޔެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި ބަސް ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ ނަގާނީ ވެސް އެމްއައިބީންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ކައުންސިލަރުންނާއި މުވައްޒަފުންގެ މަސައްކަތުގެ މައިގަނޑު އަމާޒަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން، ރައްކާތެރި، އަދި ހިތްހަމަޖެހޭ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން، މާލެ ސިޓީ ކައުންސިލާ ގުޅިގެން މި ފަދަ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ފުރުސަތު ހުރިހައި ފަރާތްތަކަށް ވެސް ހުޅުވިފައިވާ ކަމަށާއި، ކައުންސިލުން އެ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މޭޔަރު ޔަގީންކޮށްދެއްވިއެވެ.
-34a72873.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން