-8402fff9.png)
ސައިފުﷲ އަލީ
-8960dcf8.jpg)
ވެމްކޯގެ ވެހިކަލްތަކެއް--- ފޮޓޯ: މިހާރު
ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ދިމާވި ދަތިތަކަށް ފަހު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނެސް ބޮޑެތި ކުނި އުކާލަދިނުމުގެ "ކެޕްސް" ހިދުމަތް އަލުން ފޯރުކޮށްދޭން ފަށައިފިއެވެ.
ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި މިހާރު ކުރިއަށްދާނެ ކަމަށެވެ.
ވެމްކޯއިން އިއުލާނުކޮށްފައިވާ ގޮތުގައި ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ހުންނަން ވާނީ އެ ކުންފުނިން ކަނޑައަޅާފައިވާ ކުނި އުފުލުމުގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތުގެ މަތިންނެވެ.
މީގެ އިތުރުން އިމާރާތްކުރުމުގެ މަސައްކަތްތަކުން އުފެދޭ ގާކުނި ނުވަތަ ސީއެންޑީ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދަންވާނީ ދެ ބަޔަކަށް ވަކިކޮށްފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މި ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވި ކަމަށް ވެމްކޯ އިން ކުރިން ބުނެފައިވެއެވެ. އެ ހާދިސާގެ ސަބަބުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހި، ބޮޑެތި ކުނި ބަލައިގަތުން ވަނީ މެދުކަނޑާލަން ޖެހިފައެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވި ގޮތުގައި، ތިލަފުއްޓަށް ގެންދާ ކުނި އެ ތަނުގައި ބަހައްޓައިގެން، ކުނިވާ ޒާތުގެ ކުންޏާއި ފަންކުނޑި އާއި ގްރީން ވޭސްޓް އަދި ހުޅުހިފާ ޒާތުގެ ކުނި ވެސް ވަކިކުރެ އެވެ. އަދި ތިލަފުށީ ސައިޓުގައި ރޯވީ މިގޮތަށް ވަކިކޮށްފައި ހުރި ހުޅުހިފާ ޒާތުގެ ކުނި ބަހައްޓާފައި ހުރި ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގައި ކުނި މެނޭޖްކުރަން ވެމްކޯއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މިހާރު ވަނީ ވެމްކޯއަށް ވަގުތީ ބިމެއް ހަމަޖައްސައިދީފައެވެ. އެ ބިމުގެ ސަބަބުން ހުޅުމާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، ބޮޑެތި ކުނި އުކައިދިނުމުގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން އަމިއްލައަށް ފެށިދާނެތޯ ބެލުމަށް ފީސިބަލް ސްޓަޑީއެއް ހެދުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-3ad3813c.jpeg)
4 މަސް ކުރިން
-eb088e61.png)
4 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން