-8402fff9.png)
ސައިފުﷲ އަލީ
-8368a54b.jpg)
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން ނެރެފި އެވެ. މި އަމުރު ނެރުނީ ސިވިލް ކޯޓުގެ ނިންމުން ކަރެކްޝަންސްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން، އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އާސިފް މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން 200،000 އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައެއްގައެވެ. އެ ކްލަބުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އާސިފް ވަޒީފާއިން ވަކިކުރީ، ގާތްގަނޑަކަށް އަށް މަސް ދުވަސް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހުގައެވެ.
މި މައްސަލަ އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިދިޔަ މޭ މަހު ނިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދި މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައިވާ ކަމަށް ނުފެންނާތީ، އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ، 14 ދުވަހުގެ ތެރޭގައި އޭނާ އަލުން އެ މަގާމަށް ރުޖޫއަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާދޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް ސިވިލް ކޯޓުން ކަރެކްޝަންސްގެ މައްޗަށް އަމުރުކުރިއެވެ.
ނަމަވެސް ކަރެކްޝަންސްގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށް، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުމުން ހައި ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދީފައެވެ. ހައި ކޯޓުގެ އަމުރުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްނުކޮށްފި ނަމަ، ދައުލަތުގެ މަސްލަހަތަށް އުނިކަން އަންނާނެ ކަންތައްތަކެއް ހުރިކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން، މި ހާލަތުގައި އެންމެ ރައްކާތެރި އަދި އަދުލުވެރި ގޮތަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުން ކަމަށް ކަނޑައަޅައި، ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ ކަނޑައަޅަންދެން އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ އަމުރުކޮށްފައެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުން، ކަރެކްޝަންސްއަށް ހުށަހެޅުނު ހިޔާނާތުގެ މައްސަލާގައި އާސިފް ވަކިކޮށްފައިވަނީ ހިންގި ތަހުގީގަކަށް ފަހު ކަމަށް ބުނި ނަމަވެސް، އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު އޭނާއަށް ދީފައެއް ނުވެއެވެ. އަދި ކަރެކްޝަންސްގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ބޯޑުންނާއި ޑިސިޕްލިނަރީ ބޯޑުން މި މައްސަލަ ތަހުގީގުކޮށް ބެލި ކަމަށް ބުނި ނަމަވެސް، އެ ތަހުގީގުތަކުގެ ރިޕޯޓުތަކާއި ވަޒީފާއިން ވަކިކުރަން ނިންމުމުގައި ބަލާފައިވާ ކަންކަން އެނގޭނެ އެއްވެސް ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަން ކޯޓުން ފާހަގަކުރިއެވެ.
މީގެ އިތުރުން، އާސިފްގެ މައްޗަށް އޮތް އިތުބާރަށް ބުރޫއަރާފައިވާތީ ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ އިތުބާރު ގެއްލުނު ގޮތް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.

3 މަސް ކުރިން

3 މަސް ކުރިން
-16a0682e.jpg)
3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން