-8402fff9.png)
-94216566.jpeg)
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން "ދަނޑުވެރި މަންފާ" މެޗިން ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރުގެ އިތުރުން އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކުރެވުނު "ދަނޑުވެރި ނަފާ" ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ދެ ސްކީމަކީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މާލީ އެހީތެރިކަމުގެ މަޝްރޫއުތަކެކެވެ. މި ޕްރޮގްރާމްތައް ކުރިއަށްގެންދަނީ އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެންނެވެ.
އޭގެ ތެރެއިން "ދަނޑުވެރި މަންފާ" މެޗިން ގްރާންޓް ސްކީމްގެ ދެވަނަ ބުރަށް 15 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މި ސްކީމް ހާއްސަކޮށްފައި ވަނީ ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
މި ގްރާންޓުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ދެވަނަ ބުރުގައި އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް އެކަންޏެވެ. އޭގެ ތެރޭގައި ގްރީންހައުސް ގާއިމުކުރުމާއި، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެނޫންވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުން ހިމެނެއެވެ.
"ދަނޑުވެރި މަންފާ" ސްކީމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށެވެ.
އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކުރެވުނު "ދަނޑުވެރި ނަފާ" ފެސިލިޓީގެ ދަށުން ޒަމާނީ ދަނޑުވެރިކަމުގެ ތަފާތު ދާއިރާތަކަށް ފައިސާ ދޫކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި އާބަން އަދި ޕްރޮޓެކްޓެޑް އެގްރިކަލްޗަރާއި، ވާޓިކަލް ގާޑެނިން، ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުމުގެ އިތުރުން އެގްރޯ ޕްރޮސެސިން އާއި އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީ ގާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން ޖަނަވާރުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ހިދުމަތްތަކާއި، ޕެޓް ފާމް ގާއިމުކުރުމާއި، ޕެޓް ސަޕްލައި ކުރުމުގެ މަސައްކަތްތަކަށްވެސް މި ސްކީމުގެ ދަށުން ފައިނޭންސް ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ސްކީމުތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ދަނޑުވެރިންނަށް އިންވެސްޓްކުރުމުގެ ފުރުސަތު ފަހިކޮށްދީ، ގައުމީ އިގްތިސާދު ކުރިއެރުވުމަށް މަގުފަހިކުރުމެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކޮށް، ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުކުރުމަކީވެސް މި ޕްރޮގްރާމްތަކުގެ ހާއްސަ އަމާޒެކެވެ.

4 ދުވަސް ކުރިން

10 މަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން