-8402fff9.png)
ސައިފުﷲ އަލީ
-9d59190a.jpg)
ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ ބަޔަކާ ދެކޮޅަށް ހިންގާ ގަތުލުއާންމުގެ އަމަލުތަކާއި ދައުލަތުގެ އިޤްތިޞާދަށް ގެއްލުންހުރި އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްއުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.
މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އޭގެ އިތުރުން ދައުލަތަށް ޚިޔާނާތްތެރިވުމާއި އިޤްތިޞާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދުމާއި، އިސްލާމްދީނާ އިދިކޮޅު އަމަލުތަކަށް ދެވޭ އަދަބު ބޮޑުކުރުންވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބިލުގައި ވަނީ ޤާނޫނުލްއުގޫބާތުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުއާންމުގެ ނަމުގައި މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. މިގޮތުން ވަކި ޤައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތެއް އެކުގައި ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ނެތިކޮށްލުމުގެ ނިޔަތުގައި ހިންގާ 5 ކަމެއް ކުށުގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.
އޭގެ ތެރޭގައި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުމާއި، އެފަދަ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާ ދިނުން ހިމެނެއެވެ. އަދި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު ޖިސްމާނީ ގޮތުން ހަލާކުވެދާފަދަ ދިރިއުޅުމުގެ ހާލަތްތައް ގަސްދުގައި ކުރިމަތިކުރުވުމާއި، ދަރިން އުފަންވިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅުމާއި، ކުޑަކުދިނަށް މަޖުބޫރުކޮށްގެން އެހެން ޖަމާއަތްތަކަށް ބަދަލުކުރުންވެސް ހިމެނެއެވެ.
މީގެ އިތުރުން ދައުލަތުގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ 4 ކަމެއް ކުރުމަކީވެސް ކުށެއް ކަމުގައި ހެދުމަށް ބިލުގައިވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމަކަށް ގެއްލުންދިނުން ފަދަ އަމަލުތައް ހިމެނެއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-47823f59.jpg)
3 މަސް ކުރިން