-8402fff9.png)
އަހްމަދު އިޒްމީމް

އިމްރާން ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ބ. ކެންދޫ މޮޅުވާން ދަނިކޮށް ފަހަތުން އަރައި އެ ޓީމު ބަލިކޮށް ޅ. ނައިފަރު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގައި ނައިފަރުން ކެންދޫގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗަކީ ގްރޫޕް ޑީއިން ދެވަނަ ބުރަށް ދާނެ ޓީމު ކަށަވަރު ކުރާ މެޗަކަށްވުމުން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ މެޗުން މޮޅުވުމުގެ ރޫހެވެ. ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަަވަސްކޮށްފައެވެ.
ރޭގެ މެޗުން ނައިފަރު މޮޅުވުމުން އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިފައެވެ. އެހެންކަމުން އެ ޓީމު އޮތީ ތާވަލުގެ ދެ ވަނައިގައެވެ. އެ ގްރޫޕްގެ އެއްވަނައިގައި ރ. އަލިފުށި އޮތީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ބަލިވުމުން ކެންދޫއަށް ތިން މެޗު ކުޅެގެން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ކ. މާފުށި ދެ މެޗު ކުޅެގެން ވަނީ ޕޮއިންޓެއް ހޯދައިފައެވެ. އެހެންކަމުން ފައިދާ ގޯލުގެ ތަފާތުން ތިންވަނަ މާފުއްޓަށް ލިބޭއިރު ކެންދޫ އޮތީ ތާވަލުގެ ފުލުގައެވެ.
އެ ގްރޫޕްއިން ދެވަނަ ބުރަށް ދާނެ ފަހު ޓީމު ކަށަވަރު ވާނީ މިއަދު ހަވީރު މާފުއްޓާއި އަލިފުށި ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. ހަނި ނަތީޖާއަކުން މެޗުން ބަލިވެގެން ވެސް މާފުއްޓަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. މާފުއްޓާއި ކެންދޫއާ ދެމެދު ފައިދާ ހަތަރު ގޯލުގެ ތަފާތު އެބަހުއްޓެވެ.
ރޭގެ މެޗުގެ ދެވަނަ މިނެޓުގައި ކެންދޫއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ނައިފަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި އެ ޓީމުގެ ކެޕްޓަން، ހުސައިން ފައިސަލް (ފައިޓޯ) އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭރިއާ ބޭރުން މަލްސޫން ޔާމީން ކާމިޔާބުކުރި ގޯލެކެވެ.
ނަމަވެސް އެ ޓީމު ލީޑުގައި މާގިނަ އިރުތަކެއް ވަންދެން އޮތަ ނުދީ މެޗުގެ 19 ވަނަ މިނެޓުގައި ނައިފަރުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ނައިފަރުގެ އިމްރާން މުހައްމަދަށް އޭރިއާ ބޭރުން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ނައިފަރު މެޗުން ،މޮޅުވި ގޯލު ވެސް ޖަހައިދިނީ އިމްރާންއެވެ. އޭނާ އެ ގޯލު ޖެހީ މެޗުގެ 74 ވަނަ މިނެޓުގައި ފައިޓޯ ތަނަވަސްކުރި ފުރުސަތަކުންނެވެ. ގޯލްޑްކަޕްގައި މިހާތަނަށް ނައިފަރުން ތިން ގޯލު ޖަހައިފައިވާއިރު، އެ ތިން ގޯލު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އިމްރާންއެވެ.

16 ދުވަސް ކުރިން

25 ދުވަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

12 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން