-8402fff9.png)
ސައިފުﷲ އަލީ

އިސްލާމްދީނަށް ހޭލުންތެރިކުރުވުމާއި ދީނީ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް، އަދި ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ޢައްބާސް އިބްރާހީމަށް އަރުވައިފިއެވެ. ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި މި ދެ ބޭފުޅުންނަށް ދައުލަތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އަރުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އިސްލާމްދީނަށް ހޭލުންތެރިކުރުވުމާއި ދީނީ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ލިބިވަޑައިގެންނެވި ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަކީ ގިނަ ދުވަސްތަކެއް ވަންދެން ދިވެހީން ދީނީ ކަންކަމަށް ހޭލުންތެރިކުރުވުމުގައި ފާހަގަކޮށްލެވޭ ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރައްވައިގެން އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، 8 ފެބްރުވަރީ 1981 ގައި ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރުކަމާއި ޚާއްސަ ވަކީލުކަން ވެސް އެމަނިކުފާނު ފުރުއްވިއެވެ.
މީގެ އިތުރުން 15 ޖަނަވަރީ 1987 ގައި މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހިންގެވުމާ ހަވާލުވެވަޑައިގެން، އެ ސްކޫލަކީ ސާނަވީ ތަޢުލީމުން ފެށިގެން ޢަރަބި ބަހުން ކިޔަވައިދޭ މަރުކަޒަކަށް ހެއްދެވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުފެއްދެވި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުގެ މުޝީރުކަމުގެ އިތުރުން ފަތުވާ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވިއެވެ. ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރި ކޮމިޓީގެ މެންބަރުކަމާއި ރައީސްކަން ކުރެއްވުމުގެ އިތުރުން، އާންމުންގެ މެދުގައި މަގުބޫލުކަން ހޯދި "އިސްލާމީ ފިޤްހު" 1 އަދި 2 ލިޔުއްވައި، ހުކުރު ޚުތުބާ ލިޔުއްވުމާއި މަތީ ތަޢުލީމީ މުއައްސަސާތަކުގައި ކިޔަވައިދެއްވުމުގައި ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ.
ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އެރުވި ޢައްބާސް އިބްރާހީމަކީ 1979 ވަނަ އަހަރުން ފެށިގެން "އާފަތިސް" ނޫސް ނެރުއްވައި، ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ރޮނގުން ދިގު މުއްދަތަކަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. 1996 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމާ ހަވާލުވެވަޑައިގެން، ދިވެހި ބަސްފޮތް ޑިޖިޓަލައިޒްކުރެއްވުމުގެ މުހިންމު މަޝްރޫޢު ހިންގެވިއެވެ.
ނޫސްވެރިކަމުގެ ރޮނގުން ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރައްވާފައިވާ ޢައްބާސް އިބްރާހީމް ވަނީ ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި މިހާރު ވެސް ދިވެހިބަހުގެ ޤަވާޢިދު ކޮމިޓީގެ ރައީސްކަމާއި ދިވެހި ލިޔުންތެރިންގެ ޖަމްޢިއްޔާގެ ރައީސްކަން އެމަނިކުފާނު ގެންދަވަނީ ފުރުއްވަމުންނެވެ. މީގެ އިތުރުން ޅެންވެރިކަމާއި، ކުރުވާހަކައާއި މަޒުމޫނު ލިޔުއްވުމުގެ އިތުރުން ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން
-1581afe4.jpeg)
8 ދުވަސް ކުރިން