-8402fff9.png)
ސައިފުﷲ އަލީ

މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި މާއްދީ އުމްރާނީ ބިނާކުރުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ ތަރަހައިގެ މަތީގައި ދިވެހިރާއްޖެ އާ ޒަމާނަކަށް ގެންގޮސްދިނުމަކީ ތަސައްވުރެއް ކަމަށެވެ. އެގޮތުން އިސްލާމްދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރެވިފައިވާ، ފަރުދީ އަދި ގައުމީ ފާގަތިކަން ކަށަވަރުވެފައިވާ ގައުމަކަށް ރާއްޖެ ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މޫސުމީ އަދި ދުނިޔެވީ އެކި އަސަރުތަކުގެ ކުރިމަތީގައި ވިލުންތެރި، ހުރިހާ މާނައެއްގައި ޝާމިލު އަދި ގުޅުންތެރިކަން ގާއިމުކުރެވިފައިވާ، އީޖާދީ އުފެއްދުންތެރި އިގްތިސޯދެއްގެ ވެރި، ވަށައިޖެހޭ ދުޅަހެޔޮ ތައުލީމީ ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ މުޖުތަމައަކަށް މި ގައުމު ހެދުމުގެ ތަސައްވަރު ހަގީގަތަކަށް ހަދަންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މަދު އާބާދީއެއް އޮތް ގައުމެއްގެ ބަޔަކު މިނިވަންކަންމަތީ ލެހެއްޓެވުމަކީ މާތް ﷲ ދެއްވި ވަރަށް ބޮޑު ނިއުމަތެއްކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ގައުމާއި ވަތަނުގެ ދިފާއުގައި ފިކުރާއި އަމަލުތައް ސީދާކުރަން ޖެހޭނެ، އަޅުގަނޑުމެންގެ ކުރިއެރުމާއި މަދަނީ ތަހުޒީބީ ހަޔާތަށް ޖާގަ ހޯދަން ޖެހޭނެ،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ދުސްތޫރީ ތާރީޚަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ބެލިކަމުގައިވިޔަސް އެ ހަގީގަތް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނުއަސާސީއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ލިޔެވުނު އެންމެ ފުރިހަމަ އެއް ގާނޫނުއަސާސީކަމަށާއި، އޭރުވެސް އެ ގާނޫނުއަސާސީން އެތައް ހައްގުތަކެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ވެރިން އިންތިޚާބުކުރާ ނިޒާމަކަށް ބަދަލުވެގެން ދިޔައިރު ދިވެހީން ވަނީ ވެރިކަމުގެ ޒަމާނީ ޑިމޮކްރަޓިކް އުސޫލުތައް ގަބޫލުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ މި ކަންކަމުން މި އެނގެނީ ދިވެހީންނަކީ ދިވެހި ރައްޔިތުންނަކީ ދިވެހި ދައުލަތަށް އެންމެ ފައިދާހުރި، ދިވެހި ގައުމަށް އެންމެ ލާބަހުރި، އަދި ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ލިބިދޭނެ އެންމެހައި މަގުތައް ހޯދައި އެ މަގުތަކުން ކުރިއަށް ދިއުމުގައި ލާމަސީލު ނަމޫނާ ރައްޔިތުންތަކެއްކަން،" ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން
-1581afe4.jpeg)
8 ދުވަސް ކުރިން