-8402fff9.png)
ސައިފުﷲ އަލީ

މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުއާންމު ހިންގާފައިވާ ކަމަށް ކަނޑައަޅައި ބައިނަލްއަޤްވާމީ ކޯޓުން އިއްވި ހުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ކޯޓުގެ 15 ފަނޑިޔާރުންގެ ތެރެއިން 9 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބުރާސްފަތި ދުވަހު ނިންމި މި ޙުކުމުގައި ބަޔާންކޮށްފައިވަނީ، 2017 ވަނަ އަހަރު މިޔަންމާގެ އުތުރު ރަކައިން ސްޓޭޓުގައި އެ ޤައުމުގެ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޤަތުލުއާންމު ހިންގާފައިވާ ކަމަށެވެ. އަދި މިޔަންމާ އަސްކަރިއްޔާގެ މި ޢަމަލުތަކުން އެ ދަރިކޮޅުގެ ބޮޑު ބައެއް ނައްތާލުމުގެ ޤަސްތު އޮތްކަން ސާފުކޮށް ހާމަވާ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކޯޓުގެ ޙުކުމަށް މަރުޙަބާ ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ޤަތުލުއާންމު ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ނެގެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ޤާނޫނީ ޒިންމާތައް ތަންފީޒުކުރުމަށާއި، ޝަރުޢީ ނިޒާމުގެ ތެރެއިން އިންސާފު ހޯދައިދިނުމުގައި ބައިނަލްއަޤްވާމީ ކޯޓުތަކުގެ ދައުރުގެ މުހިންމުކަން މި ނިންމުމުން ސާބިތުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ކޯޓުގައި ކުރިއަށްދިޔައިރު ދިވެހިރާއްޖެއިން މައްސަލައިގެ ތެރެއަށް ތަދައްޚުލުވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ރާއްޖެއިން ކުރިއަށްއޮތްތަނުގައިވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢު އެކުގައި ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން ވަނީ ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފަށް އެ ދަރިކޮޅުގެ މީހުން މެރުމާއި، ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތައް ދިނުމުގެ އިތުރުން ދަރިމައިވުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅާފައެވެ. އަދި އަހަރުތަކެއް ވަންދެން ހިންގި ނަފްރަތުގެ ކެމްޕޭންތަކާއި، ރޮހިންޔާ މީހުންގެ އަވަށްތައް އެންދުމާއި، އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ހިންގި ޖިންސީ އަދި ޖިސްމާނީ އަނިޔާތަކަކީ އެ މީހުން ނައްތާލުމުގެ ނިޔަތުގައި ހިންގާފައިވާ ކަންކަން ކަމުގައިވެސް ކޯޓުން ވަނީ ބަޔާންކޮށްފައެވެ.
2017 ވަނަ އަހަރު ހިންގި އެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ފުރާނަ ސަލާމަތްކުރުމަށް 730,000 އަށްވުރެ ގިނަ ރޮހިންޔާ ރައްޔިތުން އަވައްޓެރި ބަންގްލަދޭޝަށް ހިޖުރަކުރިއެވެ. އަދި މިހާރުވެސް ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިތުރު މީހުން ބަންގްލަދޭޝަށް ދާތީ، އެ ޤައުމުގައި ތިބި ރޮހިންޔާ ރެފިއުޖީންގެ އަދަދު މިހާރު ވަނީ މިލިއަނަކަށްވުރެ މައްޗަށް އަރާފައެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން
-1581afe4.jpeg)
8 ދުވަސް ކުރިން