-8402fff9.png)
ފާތިމަތު މިޝްކާ

ސަރުކާރުން ކައުންސިލްތަކަށް ދޭ ފައިސާގެ ތެރެއިން ބޮޑުބައެއް ޚަރަދުނުކޮށް ހުންނާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ކޮންމެ އަހަރަކު ވެސް ގުރާންޓުގެ ގޮތުގައި ބޮޑު އަދަދެއް ދެނީ ފެންވަރު ރަނގަޅު މުނިސިޕަލް ޚިދުމަތްތަކެއް ރައްޔިތުންނަށް ޒިންމާދާރުކަމާ އެކު ފޯރުކޮށް ދިނުމަށް ކަމަށެވެ. އެކަމަކު އެކަން ނުކޮށް ކައުންސިލްތަކުން އެ ފައިސާ ބަހައްޓާކަން ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ގިނަ އަދަދެއްގެ ފައިސާ ބަހައްޓާއިރު، ތަޖުރިބާގެ ދަތުރުގެ ގޮތުގައި ރާއްޖެއިން ބޭރަށް ކައުންސިލްތަކުން ދަތުރުތައް ކުރާތަން ފެންނަ ކަމަށެވެ. އަދި އެކަމާ އެމަނިކުފާނު ކަންބޮޑުވުންފާޅުކުރެއްވިއެވެ.
"މި ފައިސާ މިދެނީ ކައުންސިލްތަކަށް މިދެނީ ޚިދުމަތްތައް ފޯރުކޮށްދޭން. މުނިސިޕަލް ޚިދުމަތް ކުރަން. އެއީ ލާޒިމްކަމެއް އެ ފައިސާ ޒިންމާދާރުކަމާ އެކު ޚަރަދުކޮށް އެ ރަށެއްގެ ފެންވަރު އެންމެ ރަނގަޅު މުނިސިޕަލް ޚިދުމަތްތައް ދިނުން. އެކަމަކު މި ހުރީ ޚަރަދު ނުކޮށް ބޭނުންނުކޮށް ބަހައްޓާފައި އެ ފައިސާ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ 2.2 ބިލިއަން ރުފިޔާ މިދިޔަ އަހަރު ކައުންސިލްތަކަށް ދޫކުރި ނަމަވެސް އަހަރު ނިމުނު އިރު 1.4 ބިލިއަން ރުފިޔާ ޚަރަދުނުކޮށް ކައުންސިލްތަކުގެ އެކައުންޓްތަކުގައި އެބަހުރި ކަމަށެވެ. އަދި މި އަހަރު ދޫކުރި ފައިސާއިން ވެސް ޚަރަދު ކުރަނީ ވަރަށް މަދުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ބަޖެޓް ފާސްކޮށްފައި އޮންނަ ގޮތަށް ޚަރަދުނުކޮށް އެ ފައިސާ އެހެން ފޮރުވަން ބެހެއްޓުން އެއީ ކުރެވޭނެ ކަމެއް ނޫން. އެ އިންވެސްޓެއް ވެސް ކުރަނީކީ ނޫން ހަމަ ބަހައްޓަނީ. މިކަމާ މެދު ރައްޔިތުން ވެސް ކައުންސިލްތަކުން ވެސް ވިސްނުމަށް އަޅުގަނޑު މި ވާހަކަ މި ދޫކޮށްލީ،" ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުން އެކަށީގެންވާގޮތެއްގައި މަސައްކަތް ނުކުރާކަން ފާހަގަކޮށް ކައުންސިލް އިންތިޚާބުގެ ކުރިން ގާނޫނަށް ބައެއް ބަދަލުތައް ގެންނަން މަޖިލީހަށް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން 2000 މީހުންނަށްވުރެ މަދު އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން ތިބޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަން ރައީސް ވަނީ މީގެކުރިން އިއުލާންކުރައްވާފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން