-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ހެންވޭރު ފެރީ ޓާމިނަލް
ދައުލަތުގެ ވެލްފެއާ އެހީތަކަށް އާންމުންނަށް ވީހާވެސް ފަސޭހަގޮތެއްގައި އެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާއްސަ ހެލްޕް ޑެސްކެއް ހެންވޭރު ފެރީ ޓާމިނަލްގައި ގާއިމްކޮށްފިއެވެ.
މި ހެލްޕް ޑެސްކަކީ އެންސްޕާގެ ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.
ސަރުކާރުން ވަނީ އެންސްޕާއިން ދެމުން އަންނަ ބައެއް މުހިންމު ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ތެރަޕީއަށް އެދި ހުށަހެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސްގެ އިތުރުން އެކަނިވެރި މައިންނަށްދޭ އެލަވަންސް ފަދަ ހިދުމަތްތައް ހިމެނެއެވެ.
ނަމަވެސް، ވަންގަވް މެދުވެރިކޮށް އެ ހިދުމަތްތަކަށް އެދުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރުމުން ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކަށް ބަލައި، އެންސްޕާއިން ވަނީ ހެންވޭރު ފެރީ ޓާމިނަލްގައި މި ހާއްސަ ހެލްޕް ޑެސްކް ގާއިމްކޮށްފައެވެ.
އެންސްޕާއިން ބުނީ މި ހެލްޕް ޑެސްކަށް ޒިޔާރަތްކުރުމުން ހިދުމަތްތަކަށް ރަޖިސްޓްރީވުމާއި އެނޫންވެސް ދަތިވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން، ރަޖިސްޓްރީވުމުގެ އިތުރުން ވަންގަވް މެދުވެރިކޮށް ފޯމް ފުރުމާއި އެނޫންވެސް ބޭނުންވާ ކަންކަމުގައި އެ ތަނުން ވަގުތުން އެހީތެރިވެދޭނެ ކަމަށް އެންސްޕާއިން މައުލޫމާތުދެއެވެ.
މިއީ ޑިޖިޓަލްކޮށް ހިދުމަތް ހޯދުމުގައި އުނދަގޫވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ހެލްޕް ޑެސްކްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމަޔަށެވެ.
އެންސްޕާއިން ދެމުން އަންނަ ބައެއް ހިދުމަތްތައް ލިބުން ލަސްވުމަކީ އާންމުންގެ މެދުގައި އަބަދުވެސް އޮންނަ ބޮޑު ޝަކުވާއަކަށް ވާއިރު، މި އައު އިންތިޒާމާއެކު އެކަމަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން