-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރައީސް ޑރ. މުހައްމަދު މުއިއްޒު --- ރައީސް އޮފީސް
ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ އަދި ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް މި ރަމަޟާން މަސް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސްކުރެއްވީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިތާބުގައެވެ. އެ ޚިތާބުގައި ރައީސް ވިދާޅުވީ، މާތް ﷲ ރޯދަ ފަރުޟުކުރެއްވީ އިންސާނުން ތަޤުވާވެރިވުމަށާއި، ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ އެކަންކަމުން ދުރުހެލިވުމަށް ކަމަށެވެ. އަދި ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމެއްކަން ފާހަގަކުރައްވައި، މި މައްސަރުގެ ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.
އިޖުތިމާޢީ ޢިލްމުވެރިންގެ ބަސްފުޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކޮންމެ އިޞްލާޙެއްގެވެސް ފެށުމަކީ ތިމާގެ އަމިއްލަ ނަފްސު ކަމަށެވެ.
"އާއިލާއަކަށް، މުޖުތަމަޢަކަށް ނުވަތަ ޤައުމަކަށް އިޞްލާޙެއް، ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށްވުން، އެ މީހަކާ ހިސާބުން ފަށަންޖެހެއެވެ،" ރައީސް ވިދާޅުވިއެވެ.
މިގޮތަށް އަމިއްލަ ނަފްސުން ފަށާ އިޞްލާޙީ ބަދަލު މުޅި މުޖުތަމަޢަށް ފެތުރިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ފަސްވަގުތު ނަމާދުކުރާ، ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރާ އަދި ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ މުޖުތަމަޢެއް ބޭނުންވާކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން މަސްތުވާތަކެތިން ސަލާމަތްވެފައިވާ، އަދި އިސްލާމީ އަސްލުތަކާއި ދިވެހިވަންތަ ރީތި ތަހުޒީބު ނަގަހައްޓާ މުޖުތަމަޢެއް ދެކެން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަމަޟާން މަހުގެ އިޖުތިމާޢީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރޯދަވީއްލުމާއި ހާރުދަން ފަދަ އާއިލީ ބައްދަލުވުންތަކަކީ ޖަމާޢަތުގެ ގުޅުންތައް ހަރުދަނާކޮށް، ދޭދޭ ކުލުނާއި ލޯބި އަށަގަންނުވައިދޭ މަދަރުސާތަކެއް ކަމަށެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ހަމައިން މި ބަދަލުތައް ފެށުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ޚިތާބު ނިންމަވާލައްވަމުން ރައީސް ވަނީ މި ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު ދީނީ އަދި ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އަދި ދިވެހި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވައި، ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރެއްވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން