-8402fff9.png)
އައިޝަތު ހިދާޔާ

ޑޮލަރުގެ އަގު އުފުލި އާންމުންނަށް ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލަ ހައެއްކަ މަސްތެރޭ ހައްލުވާނެ ކަމަށާއި, މިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިތުބާރު ކުރައްވާކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކަނޑައަޅާފައި އޮންނަ ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ކެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި ޑޮލަރެއް މިހާރު ލިބެނީ 20 ރުފިޔާއަށްވުރެ ބޮޑުކޮށެވެ. ކަން މިހެންއޮތްއިރު ޑޮލަރުގެ ކަޅު ބާޒާރު ނައްތައިލާ, ޑޮލަރުގެ އަގުހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ޑޮލަރުގެ މައްސަލައާ ގުޅިގެން "ނުކުތާ"އާ ވާހަކަ ދައްކަވަމުން ޖާބިރު މިއަދު ވިދާޅުވީ, ޑޮލަރުގެ މައްސަލަ ހައްލުކުރަން ރައީސް މަސައްކަތް ކުރައްވާކަން "ސަތޭކަ ޕަސަންޓު" ޔަގީންކަމަށެވެ. އެގޮތުން ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކުރުމާއި މިވަގުތު ކޮންމެހެން ހިންގަންޖެހޭ ތަރައްގީގެ މަޝްރޫއުތައް ނޫނީ ކުރިއަށް ނުގެންދިއުން ފަދަ ފިޔަވަޅުތައް މިހާރު ރައީސް އަޅުއްވާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރުކުރާގޮތަށް މީގެކުރިން ސަރުކާރުން ނިންމި ނިންމުމަށް ތައުރީފު ކުރައްވައި ޖާބިރު ވިދާޅުވީ, އޭރު މިކަން ގަބޫލުކުރަން ދިވެހިންނަށް އުނދަގޫވިކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ކަމެއްގެ ގޮތުގައި މިހާރު ގިނަ ދިވެހީން ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ. ރައީސްގެ މި ނިންމެވުމުގެ ސަބަބުން ވެސް ގައުމަށް ފައިދާކުރާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ދެންވެސް ސަރުކާރުން އަޅާފައިހުރި މިފަދަ ފިޔަވަޅުތަކުގެ ނަތީޖާ ދުވަސްކޮޅެއްތެރޭ ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ބަލަނީ ކުރިއަށް އޮތް ހައެއްކަ މަސްދުވަސް ތެރޭގައި ވަރަށް ބޮޑު ބަދަލުތަކެއް ޑޮލަރުގެ އަގަށް އަންނާނެ ކަމަށް," ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, ޑޮލަރުގެ އަގު އުފުލެން މެދުވެރިވި އެންމެ ބޮޑު އަދި މައިގަނޑު ސަބަބަކީ މިދިޔަ ސަރުކާރުން ޑޮލަރުން ދައްކާގޮތަށް ނެގި ލޯނުތަކުން ފައިދާއެއް ނުވެ އޮތްއޮތުންކަމަށެވެ. އެހެންކަމުން މި ލޯނުތައް ދައްކަން މިޖެހެނީ ރާއްޖެއަށް ލިބޭ ޑޮލަރުންކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފަތުރުވެރިކަމުންނާ, އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުންތާ މި ލޯނުތައް ދެއްކޭނީ. އިތުރަށް ބޮރޯ ނުކޮށް (ލޯނު ދައްކަން ލޯނު ނުނަގައި) އެ ފައިސާ ދެއްކީމައި އޭގެ ސަބަބުން ޑޮލަރުގެ އަގު އުފުލޭ. އެއީ ހަގީގަތުގައި (ރާއްޖޭގައި ޑޮލަރުގެ އަގު އުފުލޭ) ބޮޑު ސަބަބަކީ," ޖާބިރު ވިދާޅުވިއެވެ.
ރާއްޖެއަށް ޑޮލަރު ވަންނަ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަން ކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ, މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވިކަމަށެވެ. މިއީ ޑޮލަރުގެ އަގު އުފުލެން މެދުވެރިވި އިތުރު ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް, ހާލަތު ބަދަލުކުރުމުގެ ގާބިލުކަން މި ސަރުކާރުގެ ކިބައިގައި ހުރިމަށް ޖާބިރު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު އުފުލޭތީ އެކަމުގެ ހިތްހަމަނުޖެހުން އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް, މިއަދާހަމައަށް ވެސް ޑޮލަރުގެ މައްސަލައަށް ހަލެއް ނުގެނެވިގެން އުޅެނީ އެމްޑީޕީގެ ދެ ސަރުކާރުގައި ކަންތައްކުރި ގޮތުންކަމަށް މީގެކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން