-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގެ ކަންކަން ރަނގަޅުކުރަން މި ސަރުކާރު މުވައްޒަފުން މަސައްކަތްކުރާކަމަށާއި, އޮފީސް ވަގުތު ކޮފީމޭޒުތަކުން ސަރުކާރު މުވައްޒަފުން ފެންނަ މިންވަރު ވެސް މަދުކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.
"ނުކުތާ"އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ, މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައަކީ ޑޮލަރުގެ އަގު އުފުލިފައިވާ މައްސަލަ ކަމަށެވެ. މިކަން މިހެން ދިމާވި އެންމެ ބޮޑު ސަބަބަކީ, މިދިޔަ ސަރުކާރުން ޑޮލަރުން ދައްކާގޮތަށް ނެގި ލޯނުތަކުން ފައިދާއެއް ނުވެ އޮތްއޮތުންކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންކަމުން މި ލޯނުތައް ދައްކަން މިޖެހެނީ ރާއްޖެއަށް ލިބޭ ޑޮލަރުންކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފަތުރުވެރިކަމުންނާ, އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުންތާ މި ލޯނުތައް ދެއްކޭނީ. އިތުރަށް ބޮރޯ ނުކޮށް (ލޯނު ދައްކަން ލޯނު ނުނަގައި) އެ ފައިސާ ދެއްކީމައި އޭގެ ސަބަބުން ޑޮލަރުގެ އަގު އުފުލޭ. އެއީ ހަގީގަތުގައި (ރާއްޖޭގައި ޑޮލަރުގެ އަގު އުފުލޭ) ބޮޑު ސަބަބަކީ," ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މި މައްސަލަ ހައެއްކަ މަސްތެރޭ ރަނގަޅުވާނެކަމަށް ގަބޫލުކުރެވޭކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރުން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާތަން ފެންނަކަމަށް ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށް ވެސް މި ސަރުކާރުން މަސައްކަތްތަކެއް ކުރާކަމަށެވެ. އަދި އިގްތިސާދު ރަނގަޅު ކުރުމުގެ ނަމުގައި ޚަރަދު ނުކޮށް ނޫޅެވޭނެ ކަމަށާއި, ކުރާ ޚަރަދާ އެއްވަރަށް ފައިސާ ހޯދަން ވެސް ޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކަރަންޓާއި ފެނުގެ ޚިދުމަތް ރައްޔިތުންނަށް ނުދީ ބޭސް ފަރުވާގެ ޚިދުމަތްތައް ކަނޑައިލައިގެން މި ސަރުކާރުން ނޫޅޭނެކަމަށެވެ.
"މިއިން އެއްވެސް ކަމަކަށް ސަރުކާރުން ހުރަހެއް ނާޅާ. ގާނޫނު ހަދާ މަޖިލީހުގެ އެންމެން ބަރާބަރަށް މަސައްކަތްކުރޭ. ސަރުކާރުގެ ހުރިހާ މުވައްޒަފުން ވަރަށް ޕްރޮފެޝަނަލްކޮށް ކޮންމެ ދުވަހަކު ވަޒީފާެަށް ނުކުމެ މަސައްކަތް ކުރާތަން މި ފެންނަނީ. އެހެން ސަރުކާރުތަކަށްވުރެ ކޮފީ މޭޒުތަކުގައި ވެސް މި ސަރުކާރު މުވައްޒަފުން ތިބޭލެއް މަދު. އެކަން ފާހަގަކުރަން," ޖާބިރު ވިދާޅުވިއެވެ.
އެހެންކަމުން, ރާއްޖޭގައި ހުރި މައްސަލަތައް ހައްލުވުމުގެ މަލަމަތި މިހާރު ފެންނަކަމަށް ޖާބިރު ވިދާޅުވިއެވެ.

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން