-8402fff9.png)
އައިޝަތު ހިދާޔާ

މި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކަސް ދެއްކޭނެ ވާހަކައެއް ނެތްކަމަށާއި މިނިސްޓާ އޮފް އިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް, މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ މަސައްކަތްތައް މަޑުޖައްސަން ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.
ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް 13 މެމްބަރުންގެ ސޮޔުާއެކު ހުށަހެޅީ އިއްޔެއެވެ. މި މައްސަލައިގައި ވަނީ, އިކޮނޮމިކް މިިނިސްޓަރު ސައީދު ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ, ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލު ވުމުގެ އިތުރުން, ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރުން މަނާ އަމަލުތަކެއް ހިންގާފައިވާތީ މިނިސްޓަރުގެ މައްޗަށް މަޖިލިސް މެމްބަރުންގެ އިތުބާރު ގެއްލިފައިވާކަމަށެވެ.
އަދި, މިނިސްޓަރުގެ އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ފަސް ކަމެއް މި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން "ނުކުތާ"އާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ, މިނިސްޓަރު ސައީދަކީ ކަމަށް ވަރަށް ގާބިލު މިނިސްޓަރެއް ކަމަށެވެ. ކުރީގެ ސަރުކާރުތަކުގެ އިކޮނޮމިކް މިިސްޓަރުންނާ އަޅާބަލާއިރު, ސައީދަކީ ތަޖުރިބާ ލިބިފައިވާ މިނިސްޓަރެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
މި ތަޖުރިބާގެ އަލީގައި "އާއިލާ ޕްރޮޖެކްޓް", "ޑިވެލޮޕްމަންޓް ބޭންކް", "ޕޭޕަލް" އަދި ޓައުންޝިޕް މަޘްރޫއު ވެސްމިހާރު ރާއްޖޭގައި ފަށާފައި ވާކަން ޖާބިރު ފާހަގަކުރެއްވިއެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)އާއި ރާއްޖެއާއި ތުރުކީ ވިލާތާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަށް ވެސް އަމަލުކުރަން ފެށީ ސައީދުގެ ބެއްލެވުމުގެ ދަށުންކަމަށް ވިދާޅުވިއެވެ.
"އިދިކޮޅުން މި ބުނަނީ މަސައްކަތްތައް މަޑުޖެހިފައި އޮންނަ ވާހަކަ. އަސްލު މިހާ ގިނަ މަޝްރޫއުތައް, ކުރީ ސަރުކާރުތަކުން ފެށިފައި ނުވާ އެކަމަކު ކޮންމެހެން ފެށުން މުހިންމު މަޝްރޫއުތައް ފެށުމަކީ ވެސް ވަރަށް ބޮޑު މަސައްކަތެއް. މިއީ ވަރަށް ބޮޑެތި މަޝްރޫއުތައް މިކަންކަމަށް ވަގުތު ނަގާނެކަން ގަބޫލުކުރަން ޖެހޭނެ," ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މިވަގުތު ދުނިޔޭގެ އިގްތިސާދީ ހާލަތު ވެސް އޮތީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. މިއަހަރު ކުރީކޮޅު ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރުކޮށްފައި ވާއިރު, ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް އެ އަސަރު ބޮޑަށް ކުރާނެކަމަށް ޖާބިރު ވިދާޅުވިއެވެ.
"ކަންކަން މިހެން ހުރިއިރު ވެސް ސަރުކާރުން އަދި އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން މިފަދަ ކަންކަން ކުރިއަށް ގެންދާތީ މިދަނޑިވަޅުގައި އަޅުގަނޑުމެން އުފާކުރަންޖެހޭ." ޖާބިރު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ބޮޑުވެ ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައަށް އަލިއަޅުވައިލައްވާ ޖާބިރު ވިދާޅުވީ, އެއަގުގައި ވެސް ޑޮލަރު ލިބެނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އޭނާ ވިދާޅުވީ, އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް މީގެކުރިން ނުހިނގާހާ ހަލުވިމިނެއްގައި ހިނގަހިނގާ ހުއްޓައި މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަކީ އެއްވެސް މާނައެއް ނެތް ކަމެއް ކަމަށެވެ.
"އިދިކޮޅަށް ސަރުކާރާ ދިމާލަށް ކިޔޭނެ މާބޮޑު އެއްޗެއް ނެތް މިވަގުތަކު. ދުނިޔޭގެ މި ބަނަކަމުގެ ތެރޭގައި އެއްވެސް ޚިދުމަތެއް ނުހުއްޓި ސަރުކާރުން މެނޭޖްކުރަންޏާ އޮޕޮޒިޝަންގަ އޮންނަ ބައެއް ވިއްޔާ ކޮންމެވެސް ވާހަކައެއް ދައްކާނެތާ, " ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިވަގުތު މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން ބޭރު ގައުމުތަކޔގެ ކުރިމަތީގައި ރާއްޖޭގެ އަގު ވެއްޓޭނެކަމަށެވެ.
" ސަރުކާރުން ހުރިހާކަމެއް ރަނގަޅަށް ކޮށްކޮށް ހުރި ދަނޑިވަޅެއްގައި މިކަހަލަ މައްސަލައެއް މަޖިލީހަށް ހުށަހެޅީމަ ބޭރު ގައުމުތަކަސް ވެސް ހީވާނެ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ދަށޭ. އެއީ މި ބޭފުޅުންގެ ބޭނުމަކީ," ޖާބިރު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ބޮޑުވުމާ ގުޅޭގޮތުން ވެސް ޖާބިރު ވަނީ މީގެކުރިން ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ, ޑޮލަރުގެ އަގު އުފުލެން މެދުވެރިވި އެންމެ ބޮޑު އަދި މައިގަނޑު ސަބަބަކީ މިދިޔަ ސަރުކާރުން ޑޮލަރުން ދައްކާގޮތަށް ނެގި ލޯނުތަކުން ފައިދާއެއް ނުވެ އޮތްއޮތުންކަމަށެވެ.

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން