-8402fff9.png)

ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި މި އަހަރުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން އެންމެ ބާރު ސްޕީޑުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ކަމަށެވެ. އެހެންނަމަވެސް، މިހާރު އެ މަސައްކަތް އަލުން ބާރު ސްޕީޑުގައި ކުރިއަށް އެބަދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް އެ ސަރަހައްދު ހިއްކައި އެއްކޮށް ނިންމާލުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދިނުމަށް ރައީސް މުޢިއްޒު ވަނީ މީގެ ކުރިން ނިންމަވާފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ރަސްމާލެއިން ގޯތި ލިބިގެންދާނެ ކަމަށް ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިއީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ ސަރުކާރުގެ ތަރައްގީގެ ދުވެއްޔާއި މަޝްރޫއުތައް ނިންމުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރުކާރެއްގެ ދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް އެއްކޮށް ނިންމައި، އެތަންތަން ލިބޭ ފަރާތްތަކަށް ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، މި ސަރުކާރުގެ ފާއިތުވި މުއްދަތުގެ ތެރޭގައި 590 މަޝްރޫއު ނިންމާފައިވާކަން ފާހަގަކުރައްވައި، އެއީ ފާއިތުވި ދެ ސަރުކާރަށް ވެސް ނުކުރެވޭވަރުގެ ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން