-8402fff9.png)
އައިޝަތު ހިދާޔާ

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ތަރައްކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް، މި ދޮރޯށި ހުޅުއްވައިދެއްވީ ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ކުރިއަށްގެންދާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނުއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތިފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމު ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު، އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި، ދަޢުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
އަދި ދަޢުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭބޭފުޅުންނާއި، ބޭރު ގައުމުތަކުން ވަޑައިގެން ތިއްބެވި ޑިޕްލޮމެޓުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކުރެވިފައިވަނީ އެތަކުރުފާނުގެ ތާރހީ ޖިހާދު ރަމްޒުކުރެވިގެންދާ ގޮތަށެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނޭއިރު، މި ތަނބުތައް ފަރުމާކުރެވިފައިވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްގެންނެވެ. މި 6 ތަނބު ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި 6 ބަތަލުންނެވެ.
ދިވެހި ގައުމިއްޔަތާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، ޣާޒީ ބަންޑާރައިން (އުތީމު މުޙައްމަދު ތަކުރުފާނު) ގެ ހަނދާންތަކާއި އަސަރުތައް ހިމާޔަތް ކުރެއްވުމަށް ހއ. އަތޮޅުގައި ހާއްސަ ގައުމީ މަޝްރޫއެއް ކުރިޔަށްގެންދާއިރު، މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކުރެއްވީ، ރައީސް އުތީމަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތުގައިއެވެ.

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން