ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދިނުމަށް ހަމަޖެއްސި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި، ޖަމިއްޔާއަކަށް މިއަދު ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި 3 ބޭފުޅުންނާއި ޖަމިއްޔާއަކީ:
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
މުހައްމަދު ޢާމިރު އަހްމަދު (ފަރެސް އާމިރު)، މުހައްމަދު އާމިރު އަހްމަދަކީ ތައުލީމީ ދާއިރާގައި ދިވެހިބަހުގެ މަންހަޖު އުފެއްދެވުމާއި، މުގައްރަރާއި ފޮތްތައް ލިޔުއްވުމުގެ އިތުރުން އިމްތިޙާނު ކުރުމުގެ ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
އިބްރާހީމް ރަޝީދު، ރަޝިދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ އެމްޑީ އިބްރާހީމް ރަޝީދު ކޮންސްޓްރަކްޝަން ދާއިރާއަށް ވަދެވަޑައިގަތީ 1970އިގެ އަހަރުތަކުގެ ތެރޭގައެވެ. މި ކުންފުންޏަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޕެންޓްރީގެ ޚިދުމަތްދޭ ކުންފުންޏެވެ.
- ޞިއްޙީ ދާއިރާއިން:
ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން (ޝީ), އުފެއްދީ 1988ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7ވަނަ ދުވަހުއެވެ. ޝީ އިން ވަނީ ދިވެހިންގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް މިއަދާ ަހމައަށް ކޮށްފައެވެ.
- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:
ނަޖުމާ ހުސައިން، ގ. ނޫރީފެހި, (ނަޖުމާއްތަ) އަކީ ދިވެހި ރާއްޖޭގެ އަޑުގައި މަސައްކަތް ކުރެއްވި ޕްރެޒެންޓަރެކެވެ. ނަޖުމާއްތަ މީހުންގެ މެދުގައި އެންމެ މަގުބޫލުވެފައި ވަނީ ރިތި އަޑުގެ ސަބަބުންނެވެ.
މިއަދުގެ ޖަލްސާގައި ވަނީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ވެސް އަރުވައިފައެވެ. މި ޝަރަފު އަރުވާފައި ވަޞި ދައުލަތަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރެއްވި އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު)އަށެވެ.