-8402fff9.png)
އައިޝަތު ހިދާޔާ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގައުމަށް ކޮށްދެއްވަމުން ގެންދަވާ ގިނަގުނަ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މުހައްމަދު ޢާމިރު އަހްމަދު (ފަރސް އާމިރު)އަށް ގައުމީ އިނާމު މިއަދު އަރުވައިފިއެވެ.
އާމިރަކީ ތައުލީމީ ދާއިރާގައި ދިވެހިބަހުގެ މަންހަޖު އުފެއްދެވުމާއި، މުގައްރަރާއި ފޮތްތައް ލިޔުއްވުމުގެ އިތުރުން އިމްތިހާނު ކުރުމުގެ ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ. މި ދެ ކޯހުގެ މުދައްރިސަކީ ރާއްޖޭގެ ލާމަސީލު ޝާޢިރު އަދި މުޙައްމަދު ޢާމިރުގެ ޅެންވެރިކަމުގެ މުރައްބީ، އަލްމަރްޙޫމް ޔޫސުފް މުހައްމަދުފުޅެވެ.
އަދަބިއްޔާތާއި ޅެންވެރިކަން ކުރިއެރުވުމަށާއި މީހުން ބިނާކުރެއްވުމަށް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން އެކިއެކި ސްކޫލްތަކަށް ހިލޭސާބަހަށް ޅެންވެރިކަމުގެ ތަމްރީނު ކޯސްތައް ހިންގަވައިދެއްވުމާއި، ގައުމީ ޔުނިވާސިޓީގެ ދިވެހިބަހުގެ ޑިގްރީގެ 16 ކޯހެއްގައި ޅެންވެރިކަން ކިޔަވައިދެއްވުން ހިމެނެއެވެ. އަދި ކިޔަވައިދެއްވުމަށާއި ދަރިވަރުން ބޭނުންކުރުމަށް ޅެންވެރިކަމުގެ 11 މައުލޫއަކަށް މައުލޫމާތު ކަރުދާސް އެކުލަވައިލެއްވިއެވެ.
އަދަބިއްޔާތުގެ ދާއިރާގެ އިތުރުން، ތައުލީމީ ދާއިރާއާއި ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުވެވަޑައިގެންފައިވާ އާމިރަކީ މުދައްރިސެކެވެ. އަދި ލިޔުންތެރިއެއްގެ އިތުރުން ނޫހުގެ އެޑިޓަރެއްވެސް މެއެވެ. ތައުލީމު ކުރިއަރުވާ މަރުކަޒުގައި 17 އަހަރެއްހައި ދުވަހު ހިދުމަތް ކުރެއްވިއިރު، ގުރޭޑު 5، 8، 9 އަދި 10ގެ ދިވެހި ފޮތްތަކާއި އަދަބިއްޔާތު ފޮތްތައް އެކުލަވައިލެއްވުމުގައި މުސައްނިފެއްގެ ގޮތުންނާއި އެޑިޓަރެއްގެ ގޮތުން އޭނާ މަސައްކަތް ކުރެއްވިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އެކި ދުވަސްވަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން އެހީތެރިކަން ދެއްވުމުގެ އިތުރުން، ގައުމީ ޔުނިވަރސިޓީއާއި، އެވިޑް ކޮލެޖާއި، މަންދު ކޮލެޖުގެ އެކިއެކި ކޯސްތަކުގައި ކިޔަވައިދެއްވައި ބޮޑު ހިއްސާއެއް ވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ.
ރާއްޖޭގައި ފުރަތަމަ ފާހަގަކުރެވުނު ޅެންވެރިންގެ ދުވަހު ބޭއްވި ޢިޝްގީ ޅެންހެދުމުގެ މުބާރާތުން ތިންވަނަ، ވަގުތުން ޅެން ހެދުމުގެ މުބާރާތުން ދެވަނަ، އަދި އެ އަހަރު ބޭއްވި ޅެންހެދުމުގެ ގައުމީ މުބާރާތުން އަމިއްލަ ފަރާތްތަކުގެ ބައިން އެއްވަނަ އޭނާ ވަނީ ހޯއްދަވައިފައެވެ.
ދިވެހިބަހުގެ ބަސްކޮމިޓީގެ މެންބަރެއްގެ ގޮތުގައި 1989 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ކުރެއްވި އާމިރަކީ، 2014 ވަނަ އަހަރު ދިވެހިބަހުގެ ގަވާއިދު ކޮމިޓީ އެކުލަވައިލެއްވީއްސުރެ މިއަދާ ހަމަޔަށް ވެސް އެ ކޮމިޓީގެ މެންބަރެކެވެ.
ޅެންހެދުމުގެ ގައުމީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނު ކުރެއްވުމާއި، ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން ދިވެހި ޅެންވެރިކަމުގެ ދާއިރާއިން 1996ވަނަ އަހަރު އޭނާއަށް ވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ. އާމިރު މިހާރު ހުންނެވީ ރާއްޖޭގެ ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން