-8402fff9.png)
ސައިފުﷲ އަލީ

މާލެ ކައިރީގައި އަޅާފައި އޮއްވާ އޮޔާ ގޮސް ސިނަމާލެ ބުރިޖުގެ ތަނބެއްގައި ދެ ތެޔޮ ބޯޓު ޖެހުނު ނަމަވެސް، ބުރިޖުގެ މައި ސްޓްރަކްޗާއަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވެ، ވައިބާރުވެ ކަނޑުގަދަވުމުގެ ސަބަބުން ބޯޓުތަކުގެ ނަގިލި ކަހާލައިގެންނެވެ. މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުން އޮޔާ ދިޔަ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ވަނީ ބުރިޖުގެ ތަނބެއްގައި ޖެހި އުރިފައެވެ.
މި ހާދިސާއާ ގުޅިގެން ބުރިޖު ބަލަހައްޓާ ޗައިނާގެ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީން ވަނީ ސާވޭއެއް ކޮށްފައެވެ. މި ބެލުމުން ފާހަގަކުރެވުނު ކުދި ރެނދުތައް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ކުންފުނިން މަރާމާތު ކުރާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގައި މިފަދަ ބޮޑެތި އުޅަނދުފަހަރު ކޮންޓްރޯލުން ނެއްޓުމަކީ ބޮޑު ނުރައްކަލަކަށް ވާތީ، އޮޔާދާ އުޅަނދުތައް ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް މެދުވެރިކޮށް ކުރިއަށް އޮތް ދެ މަސް ތެރޭގައި އެ ބޯޓުތައް ލިބޭނެ ކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ.
މީގެ އިތުރުން ފަޅުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ ގަވާއިދުތައް މުރާޖާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އަދި ކޯސްޓްގާޑާއި އެހެނިހެން އިދާރާތައް ގުޅިގެން ކުއްލި ހާލަތްތަކުގައި އަވަހަށް ހަރަކާތްތެރިވެވޭނެ އުސޫލުތަކެއް އެކުލަވާލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ހާދިސާގައި ބައިވެރިވި ދެ ބޯޓަކީ ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް މީގެ މަސްތަކެއް ކުރިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ޓޭންކަރެވެ. އެއީ ކޭޖީ އެކެއް އަދި އޭއެލް އެކެއް ނަމަކަށް ކިޔާ ދެ ބޯޓެވެ. އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި އެތެރެވި މި ދެ ބޯޓުގައި ތިބި އިންޑިއާގެ ފަޅުވެރިންނާ ގުޅޭ މައްސަލަ ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން