-8402fff9.png)
ފާތިމަތު މިޝްކާ
ރަސްމާލޭގައި ތަރައްގީކުރާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހާއާއި ޢާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫންކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ސަރަހައްދުގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ތަރައްގީކުރުމަށް ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކުރުމާއި މެދު ސޯޝަލް މީޑީޔާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެއް ކަމަށާއި އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށެވެ.
"މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު އެއް ތަރައްގީގެ މަޝްރޫއުކަމަށް ސަރުކާރުން ހާމަކުރެ އެވެ. އެގޮތުން ފަތުރުވެރިކަމާއި، ދިރިއުޅުމަށް ބޭނުންވާ ތަންތަނާއި، ވިޔަފާރި އަދި އިޖުތިމާއީ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ ގޮތަށް މި މަޝްރޫއުގައި ތަރައްގީކުރެވިގެންދާނެ އެވެ.
މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހާއާއި ޢާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫންކަމަށެވެ. އަދި ވިސާ ދިނުމަކީ އިމިގްރޭޝަންގެ ޤާނޫންގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެއިދާރާއިން ކުރާ ކަމެއްކަމަށާއި ވިސާ ދޫކުރުމާއި، ކެންސަލްކުރުމުގެ ބާރު އޮންނާނީ އިމިގްރޭޝަންގެ ޤާނުނުގެ ދަށުން އެއިދާރާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތެކެވެ، ދިވެހި ދައުލަތް ތަނަވަސްވެ ތަރައްޤީ ވަމުން ދިއުމަކީ އިސްތިޤުލާލު ވަރުގަދަވެ، އެހެން ޤައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިއްމުކަމެއް، ދިވެހި ދައުލަތް މުއްސަދިވުމަކީ ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއްނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ޕްރޮޕަޓީއެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުން ހުއްދަ ދޭނަމަ ހުއްދަ ދޭނީ އެކަމަށް ކަޑައެޅިފައިވާ ފީ ނެގުމަށްފަހުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފުވާހަކައެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ވިއްކާ، ބަދަލުކޮށް، ވާރުތާ މުދާތަކެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ޖީލުތަކަށް ދެމިގެންދާ ތަރައްޤީގެ މިފަދަ މަޝްރޫއުތައް ކަމަށާއި ކުރު މުއްދަތުގެ މަންފާ ނޫން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި، މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމާއި، ވިޔަފާރި، ކެއިންބުއިން، ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ޚިދުމަތްތައް ދޭނެ ވަސީލަތްތައް ވެސް މި ސަރަހައްދުގައި ހިމެނޭނެއެވެ.
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ މަގުބޫލުކަން ދަމަހައްޓައި، ޒިންމާދާރުކަމާއެކު މި ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން

19 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން