-8402fff9.png)
އައިޝަތު ހިދާޔާ

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފެންވަރަކީ އެ ސަރުކާރުން ތަރައްގީކުރި އަމީނީ މަގު ކަމަށާއި, މި ސަރުކާރިގެ ފެންވަރަކީ ތަރައްގީއަށްފަހު މީގެ ހަފުތާއެއް ކުރިން ހުޅުވި ބޮޑުތަކުރުފާނު މަގު ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މުއްތަލިބް މިފަދައިން ވިދާޅުވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޝުޖާއު ވިދާޅުވީ, އެމްޑީޕީ ވެރިކަމުގައި އަމީނީ މަގު ހަދައި ކުޑަ ދުވަސްކޮޅެއް ނުވަނީސް މަގު "ފަތަފޮޅި"އަކަށް ވީކަމަށެވެ.
"ފަތަފޮޅިއަކަށް މަގު ބަދަލުވަނީ މި ކޮލިޓީ ދަށްވުމުގެ ސަބަބުންތޯ އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ," ޝުޖާއު ވިދާޅުވިއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ, މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު އާރުޑީސީން މަސައްކަތްކުރި އެ މަގުގެ އެއް ސެގްމަންޓް ނުނިމި އޮތްކަމަށެވެ. ނަމަވެސް, މަގު މި ސަރުޚާރު ވެރިކަމާ ހަވާލުވުމަށްފަހު ވެސް އެ މަސައްކަތް ކުރިގޮތަށް ކޮށް ނިންމާލީކަމަށް އޭނާ ވިދާޅުވިއެވެ.
"އާރުޑީސީން އަމިއްލައަށް ތާރު އެޅުމަށްޓަކައި ކެޕޭސިޓީ ހުރިކަމަށް ނިންމައި އިންޑިއާއިން މެނުއަލް މެޝިނެއް ގެނެސް ބަހައްޓައިގެން ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ. އަޅުގަނޑަކަށް ނޭންގޭ ކޮން އުސޫލަކުން ކަމެއް އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު މެނުއަލް މެޝިނެއް ގެނެސް ބަހައްޓާފައި އޭތިން ތާރު އެޅުމުގެ މަސައްކަތް އަމީނީ މަގުގައި ކުރިއަށް ގެންދިޔައީ," މުއްތަލިބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, އެ މަސައްކަތް އެފަދައިން ނިންމުމުގެ ފުރުސަތު މި ސަރުކާރުން ދިނީ އަމީނީމަގު ބަންދުކޮށްފައި ނުބޭއްވުމަށް ކަމަށެވެ. އެއަށްފަހު އެ މަގަށް ވީގޮތް ރައްޔިތުންނަށް ފެންނާނެ ކަމަށާއި މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި ބޭރު މަގުގެ ކޮލިޓީ ވެސް ރައްޔިތުންނަށް ފެންނާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އެ ކޮލިޓީގައި އަމީނީ މަގު ރަނގަޅު ކުރުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މި ސަރުކާރުން ކުރާ މަސައްކަތުގެ ފެންވަރު ފެންނާނީ ބޭރު މަގުން. އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު," މުއްތަލިބް ވިދާޅުވިއެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިޔައީ ނިމިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގައެވެ. ޖުމްލަ 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން ތާރުއެޅި ބައެއް ސަރަހައްދުތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. މިހާރު އެމަގުގައި ބޮޑެތި އަޑިގަނޑުގަނޑު ހެދި ދުއްވުމަށް ނުރައްކާވާ ހާލަތަށް ވަނީ ގޮސްފައެވެ.
އެހެންކަމުން އެ މަގު އަލުން ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ ޖޫން މަހުގެ 15ވަނަ ދުވަހުއެވެ. މި މަސައްކަތް ފެށުމުގެ ކުރިން މިދިޔަ ހަފުތާގައި އެމްޓީސީސީން ވަޞީ ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ. މި ސާވޭގައި ތާރުގަނޑު ކަފައިގެން ބަލަންޖެހޭ ކަންކަން ބަލާފައި ވާކަމަށް އެމްޓީސީސީން ބުންޏެވެ. އެ ކުންފުނިން އިތުރަށް ބުނީ މި މަޝްރޫއުގެ ދަށުން އަމީނީމަގާއި އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތު ކުރާނެކަމަށެވެ.
މި ސަރުކާރުން ތަރައްގީކުރި ބޮޑުތަކުރުފާނު މަގު ނުވަތަ ބޭރު މަގުގެ ވަކި ސަރަހައްދެއް އާންމުންނަށް ހުޅުވައިލީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.
މި މަގު ފުޅާކޮށް ތަރައްގީކޮށްފައި ވާއިރު މި ސަރަހައްދުގައި ވަނީ ހިޔާދޭ ބޮޑެތި ގަސްތަކާއި ދިވެހި ރުއް ޖަހައިފައެެވެ. އަދި މި ސަރަހައްދުގައި ޕާކުކުރަން ޕާކިން ޒޯނެއް ހަދާފައިވާއިރު ޕާކިން ޒޯނުން ބޭރުގައި ޕާކުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް މީގެކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން