-8402fff9.png)
އައިޝަތު ހިދާޔާ

ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގަތީ މެމްބަރުންގެ އެދުމަށް ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން ކަމެއް ސާފުކޮށްދިނުމަށް ކަމަށާއި އެވަގުތު ކޮނޑުގައި އޮތް ކަޅު ދަބަހަކީ ފުޓުބޯޅަ ކުޅޭ ސާމާނު އަޅާފައި އޮތް ދަބަހެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ކަޅު ދަބަހެއް ކޮނޑުގައި އަޅުވައިގެން އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއެކު މަޖިލީސް އިދާރާއިން މުއްތަލިބް ނުކުންނަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ވީޑިއޯގައި އެއީ ކޮން ދަބަހެއްތޯ ނޫސްވެރިއަކު ސުވާލުކުރި ނަމަވެސް, އެ ސުވާލަށް މުއްތަލިބް ޖަވާބެއް ނުދެއްވައެވެ. އަދި އެވަގުތު މަޖިލީހުގައި ކުރެއްވީ ކޮން މަސައްކަތެއްތޯ އެއްސެވުމުން ވެސް އޭނާ ޖަވާބެއް ނުދެއްވިއެވެ.
މި ވީޑިއޯގައި އުޝާމާއި މުއްތަލިބްގެ އިތުރުން, ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވެސް މަޖިލިސް އިދާރައިން ނުކުންނަވާ މަންޒަރު ފެނެއެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ, ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އެކަމަށް ރައްދު ދެއްވައި މުއްތަލިބް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ, އޭނާ މަޖިލިސް އިދާރާއަށް ވަޑައިގަތީ މަޖިލިސް މެމްބަރުންތަކެއްގެ އެދުމަށް ރިއަލް އެސްޓޭޓް ބިލާ ގުޅިގެން އެ މެމްބަރުން ސާފުކުރަން ބޭނުންވި ބައެއް ކަންކަން ސާފުކޮށްދިނުމަށް ކަމަށެވެ.
"އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑިއާއި އަޅުގަނޑު އާރަށުން ފުޓުބޯޅަ ކުޅެގެން އައި ގަޑިއާ ދިމާވާތީ, ލޯންޗުން ފޭބިގޮތަށް މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ދިޔައީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިފައިގެންނެވެ," މުއްތަލިބްގެ ޕޯސްޓުގައި ވެއެވެ.
މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކައި ސްކޭނާއިން ސްކޭން ވެސް ކޮށްގެން ކަމަށް އެ ޕޯސްޓުގައި އޭނާ ލިޔުއްވާފައި ވެއެވެ. އަދި ބައްދަލުވުމަށްފަހު ނުކުތީ އެ ދަބަސް ކޮނޑުގައި އަޅުވައިގެން ކަމަށާއި މަޖިލީހުގެ އިދާރާއަކީ ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓާ ތަނެއްކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ.
"އަދި ދައުލަތުގެ ވަޒީރުންނަށް ވެސް އެތަނަށް ވަދެވޭނީ އައިޑީ ކާޑުގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމަށް ދިޔައީ މި ދެންނެވި ގޮތަށް ސެކިއުރިޓީ ކަންކަން ފުރިހަމަ ކޮށްގެންނެވެ," އެ ޕޯސްޓުގައި ވެއެވެ.

10 ދުވަސް ކުރިން

11 ދުވަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން