-8402fff9.png)
ސައިފުﷲ އަލީ

ސައުދީ އަރަބިއްޔާގެ ބޮޑެތި އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔަން ދިވެހިރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި، 2040 ވަނަ އަހަރާ ހިސާބަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ވާން ރާއްޖޭން ކުރާ މަސައްކަތުގައި އެ ގައުމުގެ ބައިވެރިވުން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސައުދީގެ އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނައުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.
މި ހަފުލާ އޮތީ ރޭ ކުރުނބާ މޯލްޑިވްސްގައެވެ. ހަފުލާގައި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ އަލްގަހުތާނީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަނދާނީ ފިލައެއް އަރުވައިފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދެމެދުގައި އޮތް ގުޅުމަކީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި، ރާއްޖޭގެ ތަރައްގީއަށް އެހީތެރިވާން އެ ގައުމު ތައްޔާރަށް އޮތް ކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ވާން ކުރާ މަސައްކަތް ބިނާކުރަން ބޭނުންވަނީ މި ވަރުގަދަ ބިންގަލުގެ މަތީގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިގުތިސާދީ ގޮތުން ފުޅާކުރެވެން ހުރި ގިނަ ދާއިރާތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޓޫރިޒަމާއި، އުމްރާނީ މަސައްކަތްތަކާއި، ބޯހިޔާވަހިކަމާއި، ސިއްހީ ހިދުމަތްތަކުގެ އިތުރުން މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ލޮޖިސްޓިކްސް އަދި އަލަށް ތައާރަފްވަމުން އަންނަ ދާއިރާތަކަކީ ބޮޑެތި ފުރުސަތުތަކެއް ހުރި ދާއިރާތައް ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ ހަމައެކަނި ތަރައްގީގެ އެހީ ލިބިގަންނަ ބައިވެރިއެއްގެ ގޮތުގައި ނޫން ކަމަށާއި، ވިޔަފާރިއާއި އިންވެސްޓްމެންޓްތަކުގައި ކުރިއެރުން ހިއްސާކުރާ ބައިވެރިއެއްގެ ގޮތުގައި ސައުދީއާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"އަަޅުގަނޑުމެން މިތިބީ ސައުދީ އަރަބިއްޔާއާ އެކު މަސައްކަތްކުރަން ތައްޔާރަށް. ހަމައެކަނި ތަރައްގީގައި އެހީތެރިކަން ލިބިގަންނަ ބައިވެރިއެއްގެ ގޮތުގައެއް ނޫން. ވިޔަފާރި އާއި އިންވެސްޓްމެންޓްތަކުގައި ކުރިއެރުން ހިއްސާކުރާ ބައިވެރިއެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސައުދީ އަރަބިއްޔާއާއެކު ރާއްޖެއިން ސޮއިކުރި ޗާޓާ އޮފް މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް މުއާހަދާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގައި ވާސިލުވި މުހިއްމު މައިލްސްޓޯންއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ކުރިއެރުމާއި ސަލާމަތްތެރިކަން ކަނޑާ ވަރަށް ބޮޑަށް ގުޅިފައިވާތީ، ކަނޑުމަގުގެ ރައްކާތެރިކަމަކީ ރާއްޖެއިން އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދޭ އެއް ކަންތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ސައުދީ ސަރުކާރާއި ރައްޔިތުންނަށް ދާއިމީ ސުލްހައާއި، މެދުކެނޑުމެއް ނެތް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން