-8402fff9.png)
ސައިފުﷲ އަލީ

އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ވޯޓާ ފްރަންޓަކާއި މެރީނާއެއް އެޅުމަށް ހިންގާ ބޮޑު މަޝްރޫއުގެ ތެރޭގައި ދިވެހި ފުލުހުންގެ މަރުކަޒެއް ހުންނާނެ ކަމަށާއި އެ ތަނުގައި ތިބޭނީ ދިވެހި ފުލުހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސަރަހައްދުގައި ފުލުހުންގެ މަރުކަޒެއް ނުހުންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މުޅިން ދޮގުކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އީގަލް ހިލްސްއިން ތަރައްގީކުރާ 500 ހެކްޓަރުގެ ސަރަހައްދުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ މަރުކަޒެއް ގާއިމުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި އެ ތަނުގައި ސްކޫލެއް އިމާރާތްކޮށްފައި ނުހުންނާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރަސްމާލެއަކީ ބޭރު ބައެއްގެ ބާރުގެ ދަށުގައި އޮންނާނެ ތަނެއްކަން ދެއްކުމަށާއި ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ރައްޔިތުންގެ ހިތުގައި ބިރު އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ރައްޔިތުން ލޯހުޅުވައިގެން ތިބުމަށާއި ވިސްނައިގެން ކަންކަން ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން ރަސްމާލެއަކީ ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން ހިނގާ ސަރަހައްދުގައި އޮތް ބިމެއް ކަމަށާއި އެ ބިމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ފުރިހަމައަށް ހިނގާނެ ތަނެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ދައުލަތުގެ ގާނޫނުއަސާސީއާ ހިލާފަށް އެހެން ދީނެއް ޕްރެކްޓިސްކުރުން ނުވަތަ އެހެން ދީންތަކުގެ މީހުން ދީނީ ކަންކަން ކުރުމަށް ފުރުސަތު ދިނުމަކީ ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ހިންގޭނެ ކަމެއް ނޫން ކަމަށެވެ.
ބިދޭސީ އާބާދީއެއް އޮވެ އެ ސަރަހައްދުގައި އެހެން ދީންތަކަށް ފުރުސަތު ލިބޭނެ ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަސްމާލެ ތަރައްގީގެ މަޝްރޫއުގެ ތެރެއިން ދިވެހި ރައްޔިތުކަން އެއްވެސް ބިދޭސީއަކަށް ނުލިބޭނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން