-8402fff9.png)
ސައިފުﷲ އަލީ
-bc4f0bc5.jpg)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޚާއްސަ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުސަތުތައް ހޯދައި ފަހިކުރުން ކަމަށެވެ. މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައާއި ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ 10 އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރައީސަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. 2015 ވަނަ އަހަރު އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް ކުރެއްވި ދަތުރުފުޅަށްފަހު، މިއީ ދިވެހިރާއްޖޭގެ ވެރިޔަކު ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ ވަޒީރުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ޑރ. މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާ ވަކިވަކިން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.
މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިގްތިޞާދީ ދާއިރާގެ އިތުރުން ސިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، ދަނޑުވެރިކަން، ދިފާއީ އަދި ކަނޑުގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ. މީގެއިތުރުން އދ. އަދި އޯއައިސީ ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި އެއްބާރުލުން ދިނުމާއި، ސާކް ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމާއި، ސިއްޙީ ދާއިރާ، މަތީ ތަޢުލީމު، މާލީ ދާއިރާ، ޓެކްނޮލޮޖީ އަދި މީޑިއާގެ ދާއިރާއިން 12 ވަރަކަށް އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. މިއީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިފައިވާ، ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ދަތުރުފުޅެކެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން