-8402fff9.png)
ސައިފުﷲ އަލީ
-1581afe4.jpeg)
ކަނޑުގެ ލޮނުގަނޑު އުފުލުމުން ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ނުރައްކާތަކުން ރަށްތަކާއި ރައްޔިތުން ހިމާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު ދެއްވި ޚިޠާބެއްގައި ވިދާޅުވީ މޫސުމީ ނާޒުކުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މުސްތަގުބަލު ކަނޑައެޅިގެން ނުވާނެ ކަމަށެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ގައުމީ ތަރައްގީއަށް އޮތް ބޮޑު ގޮންޖެހުމެއްގެ އިތުރުން ރާއްޖެ ދެމިއޮތުމަށް އޮތް ސީދާ ނުރައްކަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި ވާހަކަފުޅު އެމަނިކުފާނު ދައްކަވާފައިވަނީ ތުރުކީވިލާތުގައި ކުރިއަށްދާ 31 ވަނަ ބައިނަލްއަގުވާމީ މޫސުމީ މަހާސިންތާގެ ތެރެއިން އައްސޭރިފަށުގެ ވިލުންވެރިކަން އިތުރުކުރުމާ ބެހޭގޮތުން ބޭއްވި ޚާއްޞަ ސެޝަނެއްގައެވެ. އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ ގްލޯބަލް ސެންޓާ ފޮ ކްލައިމެޓް މޮބިލިޓީން އިންތިޒާމުކުރި މި ސެޝަންގައި ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އަސަރު ރާއްޖޭގެ ގޮނޑުދޮށްތަކަށް ކުރަމުންދާ ގޮތުގެ ތަފުސީލު ދެއްވާފައެވެ.
ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިންކޮޅެއް ނޫން ކަމަށާއި އެއީ ދިވެހިންގެ ގެދޮރާއި ތާރީޚާއި ޝަޚުޞިއްޔަތު ރަމްޒުކޮށްދޭ ތަންތަން ކަމުގައި ރައީސް ވިދާޅުވިއެވެ. ގައުމުގެ ސަރަހައްދުން ކިތަންމެ ކުޑަ ތަންކޮޅެއް ގެއްލުނު ނަމަވެސް އެކަމުގެ އަސަރު ސިޔާދަތާއި ތަރިކައަށް ކުރާނެއެވެ. އެހެންކަމުން ދިވެހިން އެމީހުންގެ ރަށްތަކުގައި ދިރިއުޅުމުގެ ޙައްޤު ރައްކާތެރިކުރުމަކީ ގައުމީ އެންމެ މުހިންމު އިސްކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ގޮނޑުދޮށް ހިމާޔަތްކުރުމާއެކު ގުދުރަތީ ފަރުތަކާއި ކުޅިތައް ރައްކާތެރިކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރަށު ފެންވަރުގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ބޭނުންވާ ޑޭޓާއާއި މާލީ ވަސީލަތްތައް މުޖުތަމައުތަކަށް ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމީ ފެންވަރުގެ އިސްތިރާޖީ މަޝްރޫއުތަކަށް ބައްލަވަމުން ހުޅުމާލެއަކީ ބިން އުސްކޮށް ތަރައްގީކޮށްފައިވާ ރައްކާތެރި އިންވެސްޓްމެންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަސްމާލެ ތަރައްގީކުރަނީ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭ މިންވަރަށްވުރެ އުސްކޮށް، ކާބަން ދަށް އީކޯ ސިޓީއެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއުތަކަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރުމުގެ ތަސައްވުރާ ގުޅިފައިވާ ކަންކަމެވެ.
ކާރިސާތަކަށް ފަހު ފިޔަވަޅު އެޅުމުގެ ބަދަލުގައި ތަރައްގީގެ ތެރޭގައި މޫސުމީ ވިލުންވެރިކަން ހިމެނެންޖެހޭ ކަމަށް ރައީސް ބާރުއެޅުއްވިއެވެ. މޫސުމީ ބަދަލުގެ ސަބަބުން އާބާދީ ބަދަލުވާންޖެހޭ ހާލަތްތައް މޫސުމީ ޕްލޭންތަކުގައި ހިމެނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މޫސުމީ ފައިނޭންސް އެކަށީގެންވާ، ލަފާކުރެވޭ އަދި ފަސޭހައިން ލިބޭ ގޮތަށް ބައްޓަންކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކަށް ހޭނުމަށް ލިބޭ އެހީއަކީ ސަދަގާތެއް ނޫން ކަމަށާއި އެއީ ހިލޭ އެހީގެ ގޮތުގައި ލިބެންޖެހޭ މޫސުމީ އިންސާފުގެ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަން އޮތް ޖީލުތަކަށް ކާބަފައިންގެ ބިމުގައި ދިރިއުޅެ، ބިނާކޮށް، ކުރިއެރުމުގެ ފުރުސަތު ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތައް ހިމާޔަތްކުރެއްވުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން