-8402fff9.png)

ޢާލިމް އަބްދުއްލަތީފް
މަގުބޫލު ޕްރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) ނުކުތާއަށް އިންޓަވިއު ދެނީ -- ނުކުތާ ފޮޓޯ: ޒައިން އިބްރާހިމް
ގައުމީ ޓީވީ، ޓީވީއެމްގެ ބެލުންތެރިންނަށް ހުވައިނާ މުހައްމަދު ނިހާދު (ހުވޭ)ގެ މޫނަކީ އާ މޫނެއް ނޫނެވެ. އޭނާއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ މޮޅު ހުށަހެޅުންތެރިއެކެވެ. އެކަމަކު, އެ ހިސާބަށް ވާސިލުވުމުގައި ހުވޭއަށް ދިމާވި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގެން ގޮތަކީ ގިނަ ބަޔަކަށް އާ ވާހަކައަކަށް ވެދާނެއެވެ.
ހުވޭގެ ޑައިރީގެ ސޮފުހާތައް ފަހަތަށް އުކައިލައި ކުޑައިރުގެ ވާހަކަތަކަށް ޖެހިލާއިރު، ފެންނަނީ ވަރަށް އެކްޓިވް ދަރިވަރެކެވެ. ފުރަތަމަ އަހްމަދިއްޔާ ސްކޫލްގައި އޭނާ ކިޔެވިއިރު، އެ ސްކޫލްގައި އޮންނަ ގިނަ އިތުރު ހަރަކާތްތަކުގައި ބައިވެރިވެއެވެ.
"ހުވޭ ހަނދާންވޭ، ހުވޭ މަންމި ދާނެ ހުވޭ ގޮވައިގެން ކޮންސެޓަަށް. އެއް ޑާންސް ނިންމައިގެން ހަމަ އެ ތަނުގައި އެއްޗެހި ބަދަލުކޮށްގެން އަނެއް ޑާންސްއަށް ދިޔައީ،" ހުވޭ ކިޔައިދިނެވެ.
ޓީވީ ޕްރޮގްރާމްތައް ބެލުމަކީ އޭނާ ކުޑައިރު އެހާ ކުރާ ހިތްވި ކަމެއް ނޫނެވެ. އެކަމަކު، އޭނާގެ ހަނދާން ހުންނަން ފެށީއްސުރެ ވެސް އަބަދުވެސް އެކި ކަހަލަ އެއްޗެހި ހުށަހަޅައިދޭ ހިތްވެއެވެ. އާއިލާ މީހުންނަށް ވެސް އެއްޗެހި ހުށަހަޅައިދީ ގޭތެރޭގައި އުޅޭ ހަނދާން އޭނާ އާކުރިއެވެ.
"ފެޝަން ޝޯތައް ކުރިއަށް ދާއިރު ކޮމެންޓްރީ ދިނުމާ، ނޫނީ ގޭމް އެއްޗެހި ކުޅޭއިރު އެ އެއްޗެހީގެ ކޮމެންޓްރީ ދިނުމާ މި ކަހަލަ ބައިވަރު ކަންކަން އެންމެ ކުޑައިރުއްސުރެ ވެސް ވަރަށް ކުރާ ހިތްވާ ހަނދާންހުރޭ. އެހެންވީމަ އެއީ ކަންނޭނގެ ހުވޭ ޕްރެޒެންޓް ކުރުމަށް ދިމާވި ސަބަބަކީ،" ހުވޭ ކިޔައިދިނެވެ.
ސްކޫލުގައި އުޅުނުއިރު، ވާހަކަދެއްކުމުގެ މުބާރާތާއި، ބަހުސް މުބާރާތުގައި ވެސް ހުވޭގެ ނަން ވިދައެވެ. އޭރު އޭނާ އިނގިރޭސި ކްލަބާއި ދިވެހި ކްލަބުގައި ވެސް ހަރަކާތްތެރިވެ އުޅެއެވެ.
"އަބަދުވެސް ވަރަށް އެކްސްޓްރާ ކަންތައްތަކުގައި، ކިޔެވުމުގެ އިތުރުން އެކްސްޓްރާ ކަންތައްތަކުގައި އުޅުމުގެ ތެރޭގައި ޕްރެޒެންޓިންއަކީ ހުވޭ ވަރަށް ކުރާ ހިތުން ކުރި ކަމެއް ކުޑައިރުއްސުރެ،" ހުވޭ ކިޔައިިދިނެވެ.
ހުށަހަޅައިދިނުމަކީ އޭނާ ހުސްވަގުތުގައި ހޮބީއެއްގެ ގޮތުގައި ކުރާ ކަމެކެވެ. އެކަން އޭނާ ދެކެނީ ވަޒީފާއެއްގެ ގޮތުގައެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެ ވެސް ދިވެހިރާއްޖޭގެ އަޑާއި, ޓީވީއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި އޭނާ ވަނީ ޕްރޮގްރާމްތައް ހުށަހަޅައިދީފައެވެ.
"މިހާރު ވެސް ހުވޭ ހޯސްޓް ކޮށްދެނީ ނުވަތަ ޕްރެޒެންޓް ކޮށްދެނީ ލާރި ލިބޭތީއެއް ނޫން. ހުވޭއަށް ލިބޭ ހިތްހަމަޖެހުމެއްގެ ސަބަބުން،" އޭނާ ކިޔައިދިނެވެ.
ހުވޭއަށް, ޕްރެޒެންޓިންގެ ތެރެއަށް ވަދެވުނީ ތަފާތު ގޮތަކަށެވެ. އެއް ދުވަހެއްގައި ރައްޓެއްސެެއްގެ ގެއަށް ރޯދަ ވީއްލުމަކަށް ދިޔައިރު އެ ތަނުގައި ޓީވީއެމްގެ ކައްކާ ޕްރޮގްރާމެއް ކުރިއަށް ދިޔައެވެ. ޕްރެޒެންޓަރު މަނާލް ހޯސްޓްކުރި އެ ޝޯއަށް އެ ދުވަހު އެރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. ވަރަށް އުފަލުން ހުރެ އޭނާ އެ ފުރުސަތުގެ ބޭނުން ހިފިއެވެ.
"އެ ދުވަހު ކުކިން ޝޯ ނިންމައިފައި ޕްރޮޑިއުސަރަށް ވަރަށް ކަމުގޮއްސި، ކަމު ގޮސްގެން ހުވޭ ކައިރި އަހަނީ ހުވޭ ބޭނުން ހެއްޔޭ ޝޯއަކަށް އަރައިލަން. ހޯސްޓް ކުރަން ބޭނުންހޭ. ބުނީމަ ހުވޭ ބުނީ މައްސަލައެއް ނެތޭ، ހުވޭ މި ހުރީ ތައްޔާރަށޭ،" ހުވޭ ކިޔައިދިނެވެ.
އެޔާއެކު އޭނާ ޓީވީއެމަށް ގޮސް ފުރަތަމަ ހުށަޅައިދިން ޝޯ ވެސް ހުވޭ ހަނދާން ހުރެއެވެ. ލައިވް ޝޯއެއް އޭނާ ހުށަހަޅައިދިންއިރު، ޝޯއަށްފަހު އޭނާއަށް ދުވަހަކު ނުލިބޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އުފާވެރިކަމެއް ލިބުނެވެ. އެއީ އޭނާ ކުރަން ބޭނުންވާ ކަންތައްކަން އެނގި ޔަގީންވިއެވެ.
ޓީވީއެމްގައި އާއްމުންނަށް ހުވޭ ފެންނަން ފެށީ އެ ހިސާބުންނެވެ. އޭނާ އެންމެ ލޯބިކުރާ މަސައްކަތުގެ ތެރެއަށް ހުވޭ ވަންނަން ފެށީ ވެސް އެ ހިސާބުންނެވެ. އެކަމަކު، އެ ދާއިރާއިން ހަރުފަތަކަށްފަހު ހަރުފަތެއް އަރަމުންދަނިކޮށް، އޭނާ ވެއްޓުނީ ހަމަ ކުއްލިއަކަށެވެ. ދިރިއުޅުމަށް އައި ކުއްލި ލޮޅުމެއްގެ ސަބަބުންނެވެ.
އެ ވާހަކައިގެ ތަފުސީލަށް ދާކަށް ހުވޭ ބޭނުމެއް ނުވެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ބޮޑުވަމުން އަންނައިރު، ކޮންމެ މީހަކަށް ވެސް ހީނުކުރާ ފަދަ ގޮންޖެހުންތަކަކާ ކުރިމަތިވެދާނެއެވެ. ހުރަސްތަކަކާ ކުރިމަތިވެދާނެއެވެ. ހުވޭ ދެރަވާ ކަމަކީ އެ ހުރަސްތަކާ ކުރިމަތިލުމުގެ ބަދަލުގައި އޭނާއަށް އޭނާ އެންމެ ލޯބިވާ މަސައްކަތް, ޕްރެޒެންޓިންއާ ދުރަށް ޖެެހެވުމެވެ.
"ލައިފްގައި ރިގްރެޓެއް އޮންނަންޏާ އެއީ ކަންނޭނގެ. ހުވޭ ގަޔާވާ ކަންތައްތައް ހުވޭ ކުރަން ބޭނުންވިޔަސް އެއަށްވުރެ ބޮޑަށް ބާރު އަޅައިގެން ކުރަން އުޅުނު ނަމަ ހުވޭއަށް ވީސް. ބޮޑުވަމުން އައި އިރު ކުރިމަތިވި ކަންތައްތަކާ ހުރެ ޕްރެޒެންޓިންއާ ދުރުވެވުނީ. އެކަމަކު މިހާރު ހުވޭއަށް ފަހުރުވެރިކަމާއެކު ބުނެވޭނެ އެއްވެސް މީހަކަށް ހުވޭއެއް ނުހުއްޓުވޭނޭ ހުވޭ ކުރަން ބޭނުންވާކަމެއް ކުރުމުގައި،"
މިހާރު އޭނާ ގަބޫލުކުރާ ގޮތުގައި ކަމެއްގައި ކާމިޔާބުވާން ބޭނުންވާ މީހަކު ގެންގުޅެން ޖެހޭ މައިންޑްސެޓަކީ އެއީއެވެ. މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ނަސޭހަތަކީ ވެސް އެއީއެވެ.
އެ ހިސާބުން ހުވޭ ޓީވީ ސްކްރީނުން ގެއްލުނެވެ. ދަތި ދުވަސްތަކަކާ ދިރިއުޅުމުގައި ކުރިމަތިލިއެވެ. އެކަމަކު، ހުވޭއަށް ނޭނގި އޮތްކަމަކީ ދެން އޮތީ އޭނާގެ ދިރިއުޅުމުގެ އެންމެ އުޖާލާ ބާބުކަމެވެ.
"ސޭލްސޭލް ޓީވީއެމްގެ ފަރާތުން ހުށަހަޅަން ލިބުނު ފުރުސަތަކީ ހުވޭގެ މި ކެރިއަރަަށް ހުވޭ ހިތުން ޖަމްޕްސްޓާޓެއް ލިބުނު ފުރުސަތެއް. އެއީ ކޮންމެ ދުވަހަކު ރޯދަ މަހު، އެއްގޮތަކަށް ވެސް ދުވަހެއް ވައްޓައިނުލާ ކޮންމެ ދުވަހަކު މި ދަނީ ޓީވީއަށް އަރަން ފަހެއް ޖަހާއިރު،" ހުވޭ ހިނިތުންވެ އިނދެ ކިޔައިދިނެވެ.
" އެ ފުރުސަތު ލިބުނު ހިސާބުން ހިތަށް އެރީ ދެނެއް ހުވޭއެއް ނުހުއްޓުވޭނޭ. ހުވޭ ދެން މިހާރު ކުރާނީ ހުވޭ ކުރަން ބޭނުންވާ ގޮތަށޭ. ކުރިއަށް ދާނަމޭ އިރާދަކުރެއްވިއްޔާ،"
މިހާރު ހުވޭ ހުރީ މާ ވަރުގަދަ އަޒުމެއްގައެވެ. އޭނާ ހުއްޓައިލާނެ ހާލަތެއް ދެނެއް ނާންނާނެއެވެ.
މިހާރު އޭނާގެ ގިނަ ފޭނުންތަކެއް އެބަތިއްބެވެ. އޭނާ އިންސްޓަގްރާމްގައި އަމިއްލައަށް ޕޯސްޓްކުރާ ވީޑީއޯތަކަށް ވެސް ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ.
" ހުވޭ މި ކަން މި ކުރަނީ ހުވޭއަށް ޓަކައެއް ނޫން. ހުވޭ މި ކަހަލަ ކަންތައްތައް ކުރަނީ އެ ކަންތައްތައް ބަލަން ބޭނުންވާ މީހުންނަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި،" އޭނާ ކިޔައިދިނެވެ.
ހުށަހެޅުންތެރިއެއްގެ ގޮތުގައި ހުވޭގެ މޫނަކީ ގިނަ ބަޔަކަށް މަގުބޫލު މޫނެކެވެ. މަގުމަތިން ދާއިރު، ބައެއް ފަހަރަށް ކުޑަކުދިން ވެސް އޭނާ ފެނުމުން ވަރަށް އުފަލުން ބަލަހައްޓައިގެން ތިބެއެވެ. އޭނާ ހަނާއަޅާލުމުން އެ ކުދިންގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ އޭނާ އެންމެ އުފާވާ ކަންކަމެވެ.
"ބައެއް ފަހަރަށް ސައިކަލުގައި ދުއްވާއިރު ސައިކަލު ފަހަތުގައި އިންނަ ކުޑަކުއްޖަކު މިހެން ބަލާލައިފައި ވަރަށް ރަކިކޮށް ބަލާނީ ވެސް. ހުވޭއަށް އެނގޭ އެނގިގެންކަން މިއުޅެނީ. ދެން ހުވޭއަށް އެނގިގެން ހީލާ ހާއި ކިޔައިލީމަ އެ ކުޑަކުދިން އެ ވާ ހިނިތުންވުމަކީ ހުވޭ ހިތަށް ހަމަ ފިނިކަމެއް ލިބޭ ކަމެއް،" އޭނާ ކިޔައިދިނެވެ.
އޭނާގެ މި ދަތުރުގައި ކުރިމަތިވި އެންމެ އަނދިރި ދުވަސްތަކުގައި ހުވޭއަށް އޭނާގެ އާއިލާއާ ދުރުވެވުނެވެ. އެހެނަސް، އޭނާގެ އާއިލާއިން ހުވޭގެ އަތުން ދުލެއް ނުކުރިއެވެ. އޭނާގެ މަންމައާއި ބައްޕަ އަބަދުވެސް ތިބީ ހުވޭގެ ގާތުގައެވެ. ހުވޭއަށް ހިތްވަރު ދިނުމުގައެވެ. ވެއްޓެމުންދާ ކޮންމެ ތަނެއްގައި ހުވޭ ނަގާށެވެ.
"ދުރުވެވުނުއިރު ވެސް މަންމައާއި ބައްޕައާ ހުވޭގެ އަތުން ދުވަހަކު ވެސް ދޫކޮށެއް ނުލާ. ހުވޭއަށް މި ހިސާބަށް އާދެވިފައި މި ހުރީ ހުވޭ މަންމައާއި ބައްޕައާ ހުވޭ އަތުގައި ހިފައިގެން. ހުވޭ ކިތަންމެ ވަރަކަށް ވެއްޓުނަސް އަތުގައި ހިފާ ކޮއްޅަށް ނަގާފަ ދަރިފުޅާ ދަރިފުޅަށް ވާނެޔޭ ކިޔާފައި ހުވޭއަށް ފުރުސަތުތައް ދައްކައިދީފައި ހުރީމަ،" އޭނާ ބުނެލިއެވެ.
އޭނާ މިހާރު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާއިރު މުސްތަގުބަލުގައި ގާނޫނީވަކީލަކަށް ވުމަކީ ވެސް އުންމީދެކެވެ. އަދި ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާއަށް އިންގިލާބެއް ގެނައުމަކީ ވެސް ހުވޭގެ އުންމީދެކެވެ.
މީހުންނަށް ބޮޑު ހިނިތުންވުމަކާއެކު ހުވޭ ފެނުނަސް، އޭނާގެ ދިިރިއުޅުމުގައި އެ އުފާވެރިކަމަށް ވާސިލުވާން އެތައް ހުރަސްތަކެއް ކުރިމަތިވިއެވެ. އޭނާ އެ ކަމުގައި ވެއްޓެން ވެސް ވެއްޓުނެވެ. އެކަމަކު، ހުވޭ ތެދުވެ ދުއްވައިގަތީ އެއަށްވުރެ ބާރަށެވެ. ދެނެއް ހުވޭއެއް ނުހުއްޓުވޭނެއެވެ.

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން