-8402fff9.png)

ޢާލިމް އަބްދުއްލަތީފް

އަބްދުالله ޔަޝައު (ޔަކޭ)-
ކުޅިވަރު އާއިލާގެ ބޮޑު ލޯތްބެއް އޭނާ ހޯދީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ފޯރިގަަދަ ފުޓްސަލް މެޗުތަކުގެ ފޯރި ކެމެރާގެ ލެންސުގައި ރައްކާކޮށް، ފޮޓޯއިން އެ ކުޅިވަރުގެ ފޯރި އޭނާ ކިޔައިދެއެވެ. މިހާރު އެއީ ކުޅިވަރު އާއިލާގެ މުހިންމު މެންބަރެކެވެ. ގިނަ ކުޅިވަރު އިވެންޓުތައް އޭނާ ނުލައި ފުރިހަމަ ނުވެއެވެ.
މިއަދު 26 އަހަރު ފުރުނު މި ޒުވާން ފޮޓޯގްރަފަރު، އަބްދުﷲ ޔަޝައު (ޔަކޭ) އޭނާގެ ފޮޓޯތަކުން ރާއްޖޭގެ ކުޅިވަރު ނިކަން ރީއްޗަށް އެބަ ކިޔައިދެއެވެ. އެންމެ ކުޑައިރުއްސުރެ ހިތުގައި ފޮޓޯ ނަގަން އުފެދުނު ލޯތްބާއެކު، ދެކެން ފެށި ހުވަފެނުގައި މިއަދު އޭނާ ވަރަށް ފުރިހަމައަށް އެބަ ކުލަ ޖައްސައެވެ.
ޔަކޭގެ ޑައިރީގެ ގަނޑުތައް ފަހަތަށް އުކައިލައި، ފުރާވަރުގެ ވާހަކަތަކަށް ދާއިރު އޭނާގެ ހިތުގައި ފޮޓޯގްރަފީގެ ލޯބި ވަނީ އަށަގެންފައެވެ. އޭރު އުފަން ރަށް، ތ. ގުރައިދޫގައި އުޅުނު ޔަކޭ ފުރަތަމަ ފޮޓޯ ނަގަން ދަސްކުރީ އޭނާގެ އެކުވެރި ހުސައިން އިޝާންއާއެކުއެވެ. ފޮޓޯ ނެގުމުގެ މާ މޮޅެތި އުކުޅުތައް ނޭނގުނަށް، ޔަކޭ ބުނާ ގޮތުންނަމަ ފޮޓޯ ނެގުމުގެ "ބޭސިކް" އޭނާ އޭރު ދަސްކުރިއެވެ.
ފުރަތަމަ މޮޅު ކެމެރާއަކުން ވެސް ނޫނެވެ. ކެމެރާއެއް އަތުގައި ނެތަސް، އޭރު ގެންގުޅުނު ސަމްސަންގް ގެލެކްސީ އެސްޓޫ ފޯނުން ފޮޓޯ ނަގާން ފެށީއެވެ. އޭރު ނަގަނީ ރައްޓެހިންގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއާއި އާއިލީ ހަވީރުތަކުގެ ފޮޓޯއެވެ. އެކަމަކު، އޭރު ވެސް ޔަކޭ އޭނާގެ ސިކުނޑީގައި ބޮޑެތި ހުވަފެންތަކެއް ދިޔައީ ކުރަހަމުންނެވެ. އެއީ އޭނާގެ ފޮޓޯތަކަކީ މީހުންނަށް ކަމުދާ ފޮޓޯތަކަކަށް ކޮންމެވެސް ދުވަހަކުން ވާން ދެކެން ފެށި ހުވަފެނެވެ.
"އެހެން އުޅެނިކޮށް ރިސޯޓް ފޮޓޯގްރަފީއަށް ދާން ޗާންސް ލިބުނީ. ފުރަތަމަ ދިޔައީ ފޯ ސީޒަންސް ކުޑަ ހުރާއަށް. އެއީ ޑިޖިޓަލް ސްޓޫޑިއޯގެ ޝާފީ ދިން ފުރުސަތެއް،" ޔަކޭ ކިޔައިދިނެވެ.
ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ޔަކޭ ރިސޯޓަށް ނައްޓާލީއެވެ. ފޮޓޯގްރަފީގެ ތެރެއަށް ޔަކޭއަށް އަސްލު ވަދެވެން ފެށީ ދެނެވެ. ޑިޖިޓަލް ސްޓޫޑިއޯގައި އޭނާއާއެކު މަސައްކަތްކުރި އެކުވެރިންގެ އެހީއާއެކު ކެމެރާތަކުގެ ހުރިހާ ކަމެއް ޔަކޭ ވަރަށް ފަސޭހައިން ދަސްކުރިއެވެ.
"ރިސޯޓް ފޮޓޯގްރަފީގެ ތަޖުރިބާ ވަރަށް ސަޅި. ފަށަން ހަމަ ކޮންމެ މީހަކަށް ވެސް ވަރަށް ސަޅި އޮޕޮޗުނިޓީއެއް އެއީ،" ޔަކޭ ބުންޏެވެ.
ރިސޯޓުގައި އުޅެފައި ޔަކޭ ފުރަތަމަ ކެމެރާއެއް ގަތީ މިލްކީވޭގެ ފޮޓޯ ނަގާ ހިތްވާ ވަރުންނެވެ. އެ ކެމެރާ ވެސް އެއީ ވަރަށް ހާއްސަ ކެމެރާއެކެވެ. ކުޑަކޮށް ފަހަތަށް ޖެހިލައި، އޭނާގެ ފުރާވަރުގެ ހަނދާންތަކަށް ވަންނައިރު، އެ ރަށުގައި ވަރަށް ފައްކާ ކެމެރާއެއް ނިޔާ ކިޔާ މީހަކު ގެންގުޅުނެވެ. އެ ކެމެރާއިން ފޮޓޯ ނަގަން އޭރު ޔަކޭ ވަރަށް ބޭނުންވިއެވެ. އެކަމަކު، އޭރު ބުނާކަށް ނުވެސް ކެރެެއެވެ.
"އޭނަ ކެމެރާ ވިއްކާކަން އެނގުނީމަ އޭތި ގަތީ. އެއީ ފައިވް ޑީ މާކް ތްރީއެއް،" ޔަކޭ ކިޔައިދިނެވެ،
ރިސޯޓް ފޮޓޯ ނަގަން ޔަކޭ ހަތަރު އަހަރު އުޅުނެވެ. އޭނާއަކީ އޭރު ރާއްޖޭގެ މާ ގިނަ ބަޔަކު ދަންނަ ނަމެއް ނޫނެވެ. ރިސޯޓުގައި އެ ގޮތަށް އުޅެފައި، އާ ކަމެއް ތަޖުރިބާ ކޮށްލަން ޔަކޭ ބޭނުންވިއެވެ. އޭނާ ބޭނުންވީ މީޑިއާއަށް ވަންނާށެވެ.
"އަބަދު އެކައްޗެއް ނަގަން ޖެހޭތީ އެހެން އެއްޗެއް އެކްސްޕީރިއަންސް ކުރަން ވެގެން ބަދަލުވާން ބޭނުންވީ. އޭރު ފެނޭ ސޯޝަލް މީޑީއާގައި އިވެންޓުތަކުގެ ވަރަށް ސަޅި ފޮޓޯ،" ޔަކޭ ކިޔައިދިނެވެ.
ފުރުސަތަކަށް ބަލަބަލާ ހުއްޓާ ޔަކޭގެ އަތުގައި ނަސީބު އައިސް ހިފީ، ދައުރު ނޫހުން ލިބުނު ފުރުސަތަކާއެކުއެވެ. އެއަށްފަހު، ރާއްޖޭގެ ބޮޑެތި އިވެންޓުތައް ޔަކޭގެ ކެމެރާގައި ރައްކާ ކުރާން ފެށިއެވެ. މާލެއަށް ބަދަލުވެ، މީޑިއާގެ މީހުންނަށް ޔަކޭގެ ނަން އެނގެން ފަށައިފިއެވެ. ރިސޯޓް ފޮޓޯ ނެގުމާ ތަފާތުކަމަކަށް ވީ، އަވަހަށް ފޮޓޯ ދޭން ޖެހުމެވެ. ވާދަވެރި މާހައުލެއް ނޫސްވެރިކަމުގައި އޮތުމުން ވަގުތުން ވެސް ފޮޓޯ ދޭން ޖެހޭ ފަހަރު އާދެއެވެ.
"ޗެލެންޖަކަށް ނުވޭ އަވަހަށް ފޮޓޯ ދޭކަށް. އަސްލު މީޑިއާއަށް އައީމަ ރާއްޖެ ފެނުނީ. ރާއްޖޭގައި ކަންކަން މި ވާ ގޮތް ދަސްވީ،" ޔަކޭ ބުންޏެވެ.
އެކި އިވެންޓުތައް ޔަކޭ ނެގިއެވެ. އެކަމަކު، އޭނާ އެންމެ ބޮޑަށް ގަޔާވީ ސްޕޯޓްސް ފޮޓޯގްރަފީއަށެވެ. ގަލޮޅުދަނޑުގެ މެޗުތައް ވެސް ޔަކޭ އޭރު ނަގަން ފެށިއެވެ. އެއަށްފަހު، ރާއްޖޭގެ މިހާރު އެންމެ ވަރުގަދަ ކުޅިވަރު، ފުޓްސަލްގެ އެންމެ ފައްކާ ފޮޓޯ ނަގާ ފޮޓޯގްރަފަރަކަށް ޔަކޭ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިއެވެ. މިހާރު އޭނާ ގިނައިން ފެންނާނީ ވެސް ސްޕޯޓްސް އިވެންޓުތަކުންނެވެ.
"މިހާރު ނުވޭ ސްޕޯޓްސް ނޫން އެހެން އެެއްޗެއް ނަގާ ހިތެއް ވެސް. ތެދަށް ބުނަންޏާ ވަރަށް ގިނަ ވެޑިން ވެސް ލިބޭ، އައުޓްޑޯ ގްރެޖުއޭޝަން ޝޫޓްތައް ވެސް ލިބޭ. އެކަމަކު ކޮންމެހެން ނަގަން ޖެހޭ އެއްޗެއް ނޫނީ ނުނަގަން،" ޔަކޭ ބުނެލިއެވެ.
އެންމެ ބޮޑު އުފަލަކީ ކުޅިވަރު އާއިލާއިން އޭނާ ބަލައިގަންނަ ބަލައިގަތުމެވެ. އޭނާއަށް އެ ދޭ އިހްތިރާމާއި ލޯތްބެވެ. އޭނާގެ ފޮޓޯތަކަށް ކުޅުންތެރިން ވެސް އެ ދޭ ސަމާލުކަމެވެ.
ޔަކޭގެ މި ކެރިއަރުގައި ފާހަގަކޮށްލެވޭ އުފާތަކެއް އެބަހުއްޓެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ތެރޭގައި އާޓިފިޝަލް ބީޗުގައި އޮތް އިވެންޓެއް ތެރޭ އޭނާ ނެގި ފޮޓޯއެއް ރައީސްގެ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓުކުރުމަކީ ބޮޑު އުފަލެކެވެ. އަނެއް އުފަލަކީ، ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އޭނާގެ ޖޯޒީގައި ޔަކޭ. އެމްވީ ޖަހައިގެން ކުޅުމެވެ.
ފުޓްސަލް މެޗެއްގެ ފުރަތަމަ ފޮޓޯތައް އޭނާ ނެގިއިރު، ދަނޑުމަތީގައި "އުދުހުނު" ކުޅުންތެރިއަކީ ހާއްޕެއެވެ. އެއަށްފަހު، ޔަކޭއަށް ފުޓްސަލް ފޮޓޯ ނަގަން ފުރަތަމަ ފުރުސަތު ފަހިކޮށްދިން އެކަކީ ވެސް ހާއްޕެއެވެެ.
"އޭނަ [ހާއްޕެ] އެންމެ ފަހުން ކުޅުނު މުބާރާތުގައި ޖޯޒީގައި ޔަކޭ.އެމްވީ ޖަހައިގެން ކުޅުނީމަ އަސްލު ވަރަށް އުފާވި،" ޔަކޭ ބުނެލިއެވެ.
މިހާރު ޔަކޭ މަސައްކަތްކުރަނީ ރާއްޖޭގެ އެންމެ ނަންހިނގާ ސްޕޯޓްސް މީޑީއާ ޕްލެޓްފޯމުގައެވެ. އެއީ ޒުވާނުންތަކެއް ފެށި، "ސިޑިބަރި.އެމްވީ" ގައެވެ. ރާއްޖޭގެ ކުޅިވަރު އާއިލާއިން ސިޑިބަރި ބަލައިގަތުމަކީ ޔަކޭގެ ވެސް އުފަލެކެވެ.
ކުޅިވަރު އިވެންޓުތަކުގައި ޔަކޭ މިއަދު މުހިންމު ނަމަކަށް ވެއްޖެއެވެ. އިންޓަނޭޝަނަލް މުބާރާތްތަކަށް ގައުމުން ބޭރަށް ވެސް ހިނގައްޖެއެވެ. އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތަށް އިންޑިއާގެ ބެންގަލޫރަަށް ވެސް ޔަކޭ ދިޔައެވެ.
ކުޑައިރު ދެކެން ފެށި ހުވަފެންތަކުގައި ކުލަޖެހި ޔަކޭ މިހާރު ހިތްހަމަ ޖެހިއްޖެއެވެ. އޭނާ ހާސިލުކުރާން ބޭނުންވި ހުރިހާ ކަމެއްހެން ހާސިލުވެއްޖެއެވެ. މީހުންނަށް ކަމުދާ ފޮޓޯތަކަކަށް އޭނާގެ ފޮޓޯތައް ހެދިއްޖެއެވެ.
"ޑްރީމްގައި މިހާރު މި އުޅެވެނީ ދޯ،" ހިނިގަނޑެއް ޖަހާލަމުން ޔަކޭ ބުނީ މިހެންނެވެ.
ޔަކޭގެ ނަން ގިނަ ބަޔަކަށް މިއަދު އެނގެއެވެ. ކުޅިވަރު އާއިލާގެ އިހްތިރާމާއި ގަދަރާއި ލޯބި ލިބިއްޖެއެވެ. ޔަކޭ ބޭނުންވަނީ އެ ލޯތްބާއި އިހްތިރާމް ދަމަހައްޓަން މަސައްކަތް ކުރާށެވެ. ބޮޑެތި އެވޯޑްތަކަށްވުރެ، އެ ލޯތްބާއި އިހްތިރާމް އޭނާއަށް މާ ބޮޑު އުފަލެއް ދެއެވެ.

16 ދުވަސް ކުރިން

25 ދުވަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

12 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން