-8402fff9.png)
އަހްމަދު އިޒްމީމް

ހައިޝަމް އުފާ ފާޅުކުރަނީ —- ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ފަހަތުންއަރައި ގދ. ފަރެސްމާތޮޑާ ބަލިކޮށް ހއ. ދިއްދޫއިން ގްރޫޕް އޭގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ރޭ ގަލޮޅުދަނޑުގައި ކުޅުނު އެ މެޗުގައި ފަރެސްމާތޮޑާއިން ދެ ގޯލުޖަހަައި މޮޅުވާން ދަނިކޮށް ފަހަތުން އަރައި ދިއްދޫއިން އެ ޓީމު ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުން މޮޅުވެ ދިއްދޫ ދެވަނަ މަގާމަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ފަރެސްމާތޮޑާއަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ގްރޫޕްގެ އެއްވަނަ މަގާމުގައި ފުވައްމުލައް ސިޓީ އޮތީ ސައްތައިންސައްތަ ރެކޯޑަކާއެކު 12 ޕޮއިންޓު ހޯދައިގެންނެވެ. އެ ގްރޫޕްގެ ތިންވަނައިގައި ދ. މީދޫ ހަތް ޕޮއިންޓާއެކު އޮތްއިރު ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ދ. ކުޑަހުވަދޫއެވެ.
އެ ގްރޫޕްގެ މެޗުތައް ކުޅެނިމިފައިވާއިރު އެ ގްރޫޕުން ދެވަނަ ބުރަށް ގޮސްފައިވަނީ އެއްވަނަ ޓީމުގެ ގޮތުގައި ފުވައްމުލަކާއި، ދެވަނަ ޓީމުގެ ގޮތުގައި ދިއްދޫއާއި އަދި ތިންވަނަ ޓީމުގެ ގޮތުގައި މީދޫއެވެ. ދެވަނަ ބުރުގައި ފުވައްމުލައް ހިމެނިފައިވަނީ ގްރޫޕް އީގައި ކ. ގުރައިދޫއާއި ތ. ތިމަރަފުއްޓާއެކުއެވެ. ދިއްދޫ ގްރޫޕް އެފްގައި އޮތީ ބ. އޭދަފުއްޓާއި ކ. މާފުއްޓާއެކުއެވެ. މީދޫ ގްރޫޕް ޖީގައި އޮތީ އައްޑޫ ސިޓީއާއި ޅ. ނައިފަރާއެކުއެވެ.
ރޭގެ މެޗު ފަށައިގެން ވަރަށް ކުރީކޮޅު ފަރެސްމާތޮޑާއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެ ގޯލު ޖެހީ ފަރެސްމާތޮޑާގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އަބްދުއްލަތީ މޫސާ ބަސަލްއެވެ. މެޗުގެ 44 ވަނަ މިނެޓުގައި ޝައިސުﷲ އަޝްރަފްގެ ގޯލުން ފަރެސްމާތޮޑާއިން ލީޑު ފުޅާކުރިއެވެ.
ނަމަވެސް ދެވަނަ ހާފު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ދިއްދޫގެ ހައިޝަމް ރަޝީދު ގޯލެއްޖަހައި ދިއްދޫއަށް އުންމީދު ހޯދައިދިނެވެ. އޭގެ ފަސް މިނެޓު ފަހުން ހައިޝަމް ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ މިނެޓެއްފަހުން މެޗުގެ 89 ވަނަ މިނެޓުގައި އާދަމް ނަސީމް ވަނީ ގޯލެއްޖަހައި ދިއްދޫއަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ދިއްދޫއަށް ލިބުނު ޕެނަލްޓީއަކުން ހައިޝަމް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ދިއްދޫއަށް ލިބުނު ލީޑު ފުޅާކޮށްދީފައެވެ.
ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށްޓަކައި ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ އެ މުބާރާތުގައި 17 ޓީމުން ބައިވެރިވެއެވެ.

7 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން