-8402fff9.png)

އަޙްމަދު ސަދޫފް މޫސާ
މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުން ދެބައިވާއިރު، މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ދަރަނިތައް މެނޭޖުކުރެވުން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ވިދާޅުވީ، އަންނަ އާދިއްތަ ދުވަހަށް މި ސަރުކާރުގެ ދައުރުގެ ދެބައި ފުރިހަމަވާނެ ކަމަށެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އިސްކަމެއް ދެއްވީ ވާރުތަވި ދަރަނިތައް އަދާކުރުމަށާއި، ރައްޔިތުން އެދޭ ތަރައްޤީގެ މަޝްރޫޢުތަކަށް ޖާގަ ހޯއްދެވުމަށެވެ.
ޚާއްޞަކޮށް، ރާއްޖޭގެ ދަރަނި އިތުރަށް ނުއުފުލޭނެ މިންވަރަކަށް މުސްތަޤުބަލަށް ބަލައިގެން އިސްތިރާޖީ ގޮތުން ކަންކަން ތަރުތީބުކުރުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މާލީ ދާއިރާއިން ލިބުނު ކާމިޔާބީތަކުގެ ތެރޭގައި ޚާރިޖީ ގޮތުން ކުރެވުނު މަސައްކަތްތައް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ދަރަނި އަދާކުރަންޖެހޭ ޤައުމުތައް ނުވަތަ ފަރާތްތަކާ މަޝްވަރާކުރެވިގެން، އެ ބޭފުޅުންގެ ވެސް އެހީތެރިކަމާއި އެއްބާރުލުމާ ލިބިގެން ކަންތައްތަކެއް ޙައްލުކުރެވުނުކަން،" ތަރުޖަމާނު ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި އެހީދޭ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭގޮތް ރަނގަޅުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާތަނަށް ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ބަޖެޓާއި، ފޮރިން ކަރަންސީ އަދި ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ހަމަޖެއްސުން ހިމެނޭކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ދަރަނިތައް މެނޭޖުކުރަމުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، ޤައުމުގެ އިޤްތިޞާދީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-6e82548d.jpg)
5 މަސް ކުރިން

5 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން
-16208035.jpg)
6 މަސް ކުރިން