-8402fff9.png)
ފާތިމަތު މިޝްކާ
-035f590a.jpg)
ހަންކެނޑެ ތަރައްގީކުރާނެގޮތުގެ ކުރެހުން
އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީކުރުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް ހަންކެޑެ ތަރައްގީކުރުމެވެ. އަދި އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމާއެކު، އެ ސިނާއަތުން ލިބޭ މަންފާ މުޅި އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ވެސް މި ކުންފުނީގެ މުހިންމު އަމާޒެކެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ހަންކެޑެ މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގުތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު މި ކުންފުނިން ކުރިއަށް ގެންދާނެއެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީގައި ފަތުރުވެރިކަން އެކަށީގެންވާ މިންވަރަކަށް ކުރިއަރާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް އޮވެއެވެ. ހަންކެޑެ ސަރަހައްދު ފަތުރުވެރިކަމަށް ތަރައްގީކުރުމަށްޓަކައި އެކި ސަރުކާރުތަކުން ގިނަ ވައުދުތަކެއް ވެފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް އެކަމަށް އަމަލީ ސިފައެއް ނާދެއެވެ.
މި ސަރުކާރުން ފުރަތަމަ ނިންމަވާފައި އޮތީ ހަންކެޑެގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށެވެ. އެހެން ނަމަވެސް އޭގެ ތިން މަސް ފަހުން ސަރުކާރުގެ ނިންމުން ބަދަލުކުރައްވައި، ހަންކެޑެ ތަރައްގީކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ފަހުން އިއުލާންކޮށްފައެވެ. އަލަށް އުފެއްދެވި ކުންފުންޏާއެކު ހަންކެޑެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގޮސް، އައްޑޫގެ އިގުތިސާދަށް އޭގެ ހެޔޮ ބަދަލުތައް އަންނާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން