-8402fff9.png)
އައިޝަތު ހިދާޔާ

ރައްޔިތުންގެ މަޖިލީހުން މިނިސްޓަރުންނަށް ކުރަން ބޭނުންވާ ސުވާލުގެ ކިޔޫ ދިގުވެ, އެ ސުވާލުތައް އެޖެންޑާ ކުރުން ލަސްވުމަކީ މިނިސްޓަރުން ޒިންމާނަގަންޖެހޭ ކަމެއް ނޫން ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރު މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. މި ސުވާލު ކުރުމުގެ ކުރިން ޒާކިރު ވިދާޅުވީ މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަށްވަނަ ދުވަހު ހުށަހަޅާފައިވާ ސުވާލެއް ކަމަށެވެ. މެމްބަރު ކުރެއްވި ސުވާލަކީ ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނެ ތާރީޚަކާ ގުޅޭގޮތުންނެވެ.
ސުވާލަށް ޖަވާބު ދެއްވުމުގެ ކުރިން މިނިސްޓަރު ވިދާޅުވީ, މި ސުވާލު އެޖެންޑާ ކުރުމަށް ގިނަ ދުވަސްތަކެއް ވެފައި ވާކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ތިބޭފުޅުންގެ ސުވާލުތަކުގެ އަދަދު ގިނަވީމަ ކިޔޫގައި, މަޖިލީހުގައި އެޖެންޑާ ކުރެވޭގޮތް ލަސްވުމަކީ އެއީ އަދި އަޅުގަނޑު އެކަމުގެ ޒިންމާވާންޖެހޭ ކަމެއް ނޫނޭ,"
އެއަށްފަހު ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ, މި މަޝްރޫއަކީ އެމްޑީޕީ ސަރުކާރުން ފެނަކައާ ހަވާލުކުރި މަޝްރޫއެއް ކަމަށެވެ. ނަމަވެސް, މަޝްރޫއު ކުރިއަށް ނުދާތީ އެމްޑަބްލިއުއެސްސީ އަށް މަސައްކަތް ހަވާލުކުރި ކަމަށާއި މަސައްކަތް އަދިވެސް ކުރިއަށް ދަނީ އެންމެ އެދޭ ސްޕީޑުގައި ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް, މިހާރު މަސައްކަތް ފަށައިގެން މަސައްކަތް ކުރަމުން މިދަނީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށްޓަކައި. އެގޮތުން އަމަލީ މަސައްކަތް 15 ކުލައި 1015ގައި ވަނީ ފަށާފައި," މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރުން ލަސްވުމުގެ ޒިންމާ މިނިސްޓަރުން ނަންގަވަން ނުޖެހޭނެކަމަށް މިއަދު މުއްތަލިބް ވިދާޅުވެފައި ވާއިރު, އެމްޑީޕީ މެމްބަރުން އެންމެ ގިނަ ސުވާލުކުރަން ހުށަހަޅާފައި ވަނީ ވެސް މުއްތަލިބާއެވެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިދިޔަ ހަފުތާގައި ހާމަކުރެއްވި ގޮތުގައި މަޖިލީހަށް މިނިސްޓަރުން ހާޒިރުކޮށް ސުވާލުކުރުމަށް އެމްޑީޕީ މެމްބަރުން ވަނީ ޖުމުލަ 258 ނޯޓިސްއެއް ވަނީ ފޮނުވައިފައެވެ. މީގެ ތެރެއިން އެންމެ ގިނަ ސުވާލު އަމާޒުވި މިނިސްޓަރަކީ މުއްތަލިބެވެ.
މުއްތަލިބަށް ސުވާލު ކުރުމަށް 56 ނޯޓިސް ފޮނުވާފައި ވާއިރު, ޖަވާބުދެއްވާފައި ވަނީ 16 ސުވާލަށެވެ.
މީގެތެރެއިން 11 ސުވާލު އަނބުރާ ނަގައިފައި ނުވަތަ ޖަވާބު ދިނުމުގެ މުއްދަތު ހަމަވެފައި ވާއިރު, 29 ސުވާލަކަށް ޖަވާބު ނުދީ އަދިވެސް އޮތްކަން ކުޑޫ ހާމަކުރެއްވި ތަފަސްހިސާބުން ދައްކައެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން