-8402fff9.png)
ސައިފުﷲ އަލީ
-a8fb64ca.jpg)
ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއިން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކައި، މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމުގެ ރެކޯޑު ފަހަތަށް ޖައްސާލުމަށް ފަހު އެއީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު ވިދާޅުވީ، 609 ހެކްޓަރުގެ ބޮޑުމިން ހުންނަ ގަމަށް ވުރެ އިތުރަށް 107 ހެކްޓަރުގެ ބިން ރަސްމާލެއިން މިހާރު ވަނީ ހިއްކައި ނިމިފައެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކަން ކަނޑައަޅާފައިވަނީ ޖުމްލަ 1,150 ހެކްޓަރުގެ ބިމެވެ. އެއާއެކު މި މަޝްރޫއުގެ މުޅި ޖުމްލަ މަސައްކަތުގެ 62 ޕަސެންޓު މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައިގަނޑު ބަހާއެއްގެ ގޮތުގައި ތަރައްގީކުރާ މި "އިކޯ ސިޓީ" އިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ ދަށުން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ގޯއްޗަށް އެދުނު ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށް ނިމެންވާއިރަށް އެއްކޮށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނިންމާލެވޭނެ އެވެ. މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދުނު މީހުންގެ ތެރެއިން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އާންމުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ދަނީ ކުރަމުންނެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުރުސަތު ހުޅުވާލި މުއްދަތު ހަމަވިއިރު، ހާއްސަ ޕޯޓަލް މެދުވެރިކޮށް ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ.

11 ދުވަސް ކުރިން

19 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން

4 މަސް ކުރިން