-8402fff9.png)
މިރާޝް މޫސާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ވަޒީީރު ހައިދަރު ޖަވާބުދެއްވަނީ
ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރި ހުރިހާ ގޯތިތައް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަވާލުކޮށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ހުޅުމާލެ 2 އިން ދޫކޮށްފައިވާ 1,407 ބިމުގެ ތެރެއިން މިހާރު ވަނީ 623 ބިން ހަވާލުކޮށްފައެވެ.
މީގެ އިތުރުން، މިހާރު ބޮޑު ބައެއް ހިއްކާ ނިމިފައިވާ ގުޅިފަޅުން ވެސް ގޯތިތައް ދޫކުރެވޭނެ އިރެއް ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެތަނުގެ ލޭންޑް ޔޫޒް ޕްލޭން އަލުން އެކުލަވާލަން ޖެހުމުގެ އިތުރުން، ތިލަމާލެ ބުރިޖު މަޝްރޫއުގެ ބޮޑުބައެއް އެތަނުގައި ކުރިއަށްދާތީ ވެސް ގޯތި ދޫކުރުމުގައި ދަތިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުރީ ސަރުކާރުން ބިންތައް ދޫކޮށްފައިވާ ގޮތާމެދު މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ހުޅުމާލެ 2 އިން ބިންތައް ދޫކޮށްފައިވަނީ މަގުތަކަށް އަރާ ގޮތަށާއި، އެކި ކުންފުނިތަކުން ސާމާނުތައް ބަހައްޓާފައި ހުރި ތަންތަނުންނެވެ. އަދި ކަނޑުންނާއި ފަޅުން ވެސް ގޯތިތައް ދީފައިވާކަން ފާހަގަކުރެއްވިއެވެ.
"ކަނޑުންނާއި ފަޅުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔޭނެ. މި ސަރުކާރުން ހަގީގަތުގައި މި ޖެހެނީ މި ތަންތަން ގޯއްޗަށް ބަދަލުކުރަން. އެހެންވީމާ މި ސަރުކާރުން ބިން ހިއްކައިގެން ގޯތިތަކަށް ބަދަލުކުރާނެ," ހައިދަރު ވިދާޅުވިއެވެ.
އެގޮތުން، ހުޅުމާލެ ފޭސް 3 އިން 699 ގޯތި ދޫކޮށްފައިވަނީ ފަޅުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މި އަހަރުގެ ނޮވެމްބަރު މަހު އެ ތަނުގެ ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގިރާވަރު ފަޅާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ ތަނުން 5,186 މީހުންނަށް ގޯތި ދީފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކު އުނި ނުވާނެ ގޮތަށް ބިން ހަވާލުކުރެވޭނެ ކަމަށް ޔަގީންކަން ދެއްވިއެވެ. ނަމަވެސް، ގިރާވަރު ފަޅުގެ މަސައްކަތް ނިމޭނެ ސީދާ ތާރީޚެއް މިވަގުތު ވިދާޅުވެވެން ނެތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން