-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އަތޮޅުތަކުގެ ރަށްރަށުގައި ވެސް ފަށައިފިއެވެ.
މިގޮތުން ރަށްރަށުގައި ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް ބަހަނީ އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް ކަމަށްވާއިރު، ބައެއް ރަށްރަށުގައި މިހާރު ވަނީ ގޭގެއަށް މަސްދަޅު ކޭސްތައް ބަހާ ނިންމާފައެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލެ ސަރަހައްދުގައެވެ. އެގޮތުން އެ މަސައްކަތް ފަށައިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.
އެގޮތުން އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި ގްރެޓާ މާލެ ސަރަހައްދުގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 12,274 މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ.
މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ 65,230 ޑޮމެސްޓިކް މީޓަރުގެ ތެރެއިން މިހާތަނަށް 18.8 ޕަސެންޓް ގޭބިސީއަށް ވަނީ ހަދިޔާ ފޯރުކޮށްދެވިފައެވެ.
ސަރުކާރުން މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
ރޯދަ ހަދިޔާ ހޯދުމަށް roadhahadhiya.mv ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ. މި ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށް އައިޑީކާޑު ބޭނުންކޮށްގެންނެވެ.
އެކަކަށް ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ ދެ ގޭބިސީގެ ކަރަންޓް މީޓަރަށެވެ. ރަޖިސްޓްރީވުމުން ލިބޭ ޓޯކަން ބޭނުންކޮށްގެން، އެމީހަކު ބޭނުންވާ މަރުކަޒަކާއި، ތާރީޚާއި ވަގުތު އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ރޯދަ ހަދިޔާ ދޫކުރާނީ ޓޯކަން ރަޖިސްޓްރީ ކުރި ފަރާތަށް އެކަނިކަމަށްވާއިރު، ހަދިޔާ ބަލައިދާއިރު އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެއެވެ.
މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ކަރަންޓް މީޓަރުގެ 2025 ވަނަ އަހަރުގެ ނޮވެންބަރު ނުވަތަ ޑިސެންބަރު މަހުގެ ކަރަންޓް ބިލުގެ ފޮޓޯ ކޮޕީއެއް ނުވަތަ އިލެކްޓްރޯނިކް ކޮޕީއެއް ވެސް ގެންދަން ޖެހޭނެއެވެ.
މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރުން ކުރިއަށްދާނީ ފެބްރުއަރީ 11 ގެ ނިޔަލަށެވެ.
ހަދިޔާ ދޫކުރާނީ ހުކުރު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ. މާލޭގައި މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުން ހަދިޔާ ދޫކުރާނެއެވެ.
ހުޅުމާލެ ފޭސް 1 ގައި އުމަރު ޒާހިރު ބިލްޑިން، ޕޮލްކޯ ޓަވަރު އަދި މުޙައްމަދު ޤާސިމް ޕްރީސްކޫލުން ހަދިޔާ ލިބޭނެއެވެ.
ފޭސް 2 ގައި ކާމިލްދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރުން ހަދިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން