ނަސްރުގެ ދުވަސް ފާހަގަކުރަން މާދަމާ ބާއްވާ ހަރަކާތްތަކާ ގުޅިގެން މާލޭގެ ޓްރެފިކް ފްލޯއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ, މާދަމާ ޖުމްހޫރީ މައިދާނާއި ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި ކަނޑުގެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.
މަގުތަކާއި ފަޅު ބަންދުކުރެވޭ ވަގުތުތައް:
- ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރުން.
- ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުން: ފަތިހު 04:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރުން.
- މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަހައްދު ބަންދުކުރުން.
- ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: ހަވީރު 18:30 އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުކުރުން.
މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިފަދަ ހަރަކާތްތަށް ބަލަން އަބަދު ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭހެން ރައްޔިތުން މަގުތަކަށް ނުކުމެއެވެ.